މައްސަލަ ޝަރިއަތަށް ހުށަހަޅާފައިވަނިކޮށް ހުއިފިލަނޑާތައް ވިއްކާލަން ފުލުހުން އަނެއްކާވެސް އިއުލާންކޮށްފި

ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާގެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނިކޮށް، އެ ހުއިފިލަނޑާތައް ނީލަން ކިޔަން ފުލުހުން އަނެއްކާވެސް އިއުލާންކޮށްފިއެވެ. ތިލަފުށީގެ ގުދަނެއްގައި ހުރި ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރަކު ސަސްޕެންޑްކޮށްފައިވާ މި މައްސަލަ މިހާރު އޮތީ ހައިކޯޓު މަރުހަލާގައެވެ. ހައިކޯޓަށް ހުށަހަޅާފައިވަނީ އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ދަށު ކޯޓުން ނެރެފައިވާ ވަގުތީ އަމުރެއްގެ އިސްތިއުނާފެވެ. މި މައްސަލައަކީ ފުވައްމުލަކު މީހަކު ފުލުހުންނާ ދެކޮޅަށް ދައުވާ ކުރާ މައްސަލައެކެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މި ހުއިފިލަނޑާތައް ނީލަމުގައި ވިއްކާލުމަށް ކުރިންވެސް ފުލުހުން އިއުލާން ކުރިއެވެ. ދެވަނަ ފަހަރަށް ފުލުހުން ހުއިފިލަނޑާތައް ވިއްކާލަން އިއުލާން ކުރީ މިއަދުއެވެ. ފުލުހުން އެ ވިއްކާލަން އިއުލާނުކޮށްފައިވަނީ، ކިލޯއަކަށް 300 ރުފިޔާއާއި 850 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ދެވަނަ ފަހަރަށް ކުރި އިއުލާންގައި ހަތަރު ބާވަތެއްގެ ހުއިފިލަނޑާ ވިއްކާލަން ހިމަނާފައިވެއެވެ. އެއީ ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެއްގައި ހިމެނޭ ތަކެތި ކަމަށް ފުލުހުންވެސް ކުރިން ބުނެފައިވެއެވެ. އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން އެންމެ ފުރަތަމަ އެ މައްސަލަ ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ. ނަމަވެސް، ޝަރީއަތުން ނިންމަވާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، އެ މުދާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އިސްތިއުނާފުކޮށްފައިވަނީ އެނގިފައިވާ ގޮތުގައި އެ ނިންމުމެވެ. މި މައްސަލައަކީ ތިލަފުށީގެ ގުދަނެއްގައި ހުރި ގިނަ އަދަދެއްގެ ހުއިފިލަނޑައަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައެކެވެ. "މި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާއިރު، އެ އޮފިސަރާ ގުޅޭ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ވެސް ދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ