ސަރުކާރު ޖަވާބުދާރީކުރުވަން ކައުންސިލަށް މީހުން ހޮވަން ކެމްޕެއިން ކުރުމަކީ ނުބައި ސިގްނަލެއް: ރައީސް

ސަރުކާރު ޖަވާބުދާރީކުރުވަން ކައުންސިލްތަކަށް މީހުން ހޮވަން ކެމްޕެއިން ކުރުމަކީ ނުބައި ސިގްނަލެއް ކަމަށާ އެއީ ރައްޔިތުން ވިސްނަން ޖެހޭ ސިގްނަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ އޮފީހާއި ހަރުގެ ހުޅުވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގާނޫނު އަސާސީގައި ދައުލަތުގެ ބާރުތަކާއި އެ ބާރުތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ސާފުކޮށް ބަޔާންކޮށްފައިވާ ކަަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ ވަކި ބާރަކާ މަތިކޮށްފައިވާ ކަމަށެވެ.
މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
ރައީސް ވިދާޅުވީ ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވަން އޮތް މުއައްސަސާތަކެއް ނޫން ކަމަށާ ކައުންސިލްތަކަކީ ވެރިކަން ހިންގުމުގެ ބާރުގައި ހިމެނޭ ފަށަލައެއް ކަމަށެވެ. އަދި ކައުންސިލްތަކުގެ ދައުރަކީ ރަށްވެހި ކަމުގެ ހިދުމަތްތަކާއި އެ ނޫން ކަންކަން ފަހިކޮށްދީ ބެލެހެއްޓުން ކަމަށެވެ. މީގެ އިތުރުން ކައުންސިލަރުންނަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަން އެހީތެރިވެދޭން ރައްޔިތުން ހޮވާފައިވާ ބައެއް ކަމުގައި ވިދާޅުވި އެވެ.
ނަމަވެސް އެކަން އޮޅުވާލާ ނުބައި ގޮތަކަށް އެ މަސައްކަތް ކުރާ މަންޒަރު ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
"ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވަަން ހޮވާފައި އޮންނަ މުއައްސަސާތަކެއް ނޫން, ގާނޫނީ ގޮތަކުންވެސް. ސަރުކާރު ޖަވާބުދާރީ ކުރުވަން ކައުންސިލަށް މީހުން ހޮވަން ކެމްޕެއިންކުރާ ކަމަށްވަންޏާ އެއީ ފުރަަތަމަ ވެސް ނުބައި ސިގުނަލެއް. ރައްޔިތުން ވިސްނަން ޖެހޭ ސިގުނަލެއް އެއީ," ރައީސް ވިދާޅުވި އެވެ.
މިރޭގެ ހަފްލާގައި ރައީސް ވިދާޅުވީ ބައެއް މަޝްރޫއުތައް ހިންގުމަށް ކައުންސިލްތަކުން ދަތިކުރަމުންދާ ކަމަށެވެ. އެއީ ހަގީގަތް ކަމުގައި ވިދާޅުވި އެވެ.
އެއް ކަމަކަށް ފާހަގަ ކުރެއްވީ މީގެ ދެތީން މަސްދުވަސްކުރީން ހަވާލުކުރި ބައެއް މަޝްރޫއުތަކަށް އަދިވެސް ބައެއް ރަށްރަށުން ބިން ހަވާލުނުކޮށް އޮތްއޮތުމެވެ.
ރައީސް ވިދާޅުވީ ރަށްރަށުގައި މިސްކިތްތަކާއި ސުކޫލް އިމާރާތްތަކާއި ސްޕޯޓްސް ކޮމްޕްލެސްތައް އެޅުމަށް ބިން ހަވާލުނުކޮށްގެން މަޝްރޫއުތައް ނުފެށި އޮތުމަކީ ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
"ކޮން ބަޔަކަށްތޯ މި ގެއްލުންވަނީ. އެރަށްރަށުގެ ރައްޔިތުންނަށް. އަޅުގަނޑު ބޭނުމެއް ނުވޭ މިކަންކަން މިގޮތަށް ރިޕީޓްވާ ކަށެއް,"
ރައީސް ވަނީ އައު ކައުންސިލްތަކާއެކު މަޝްރޫއުތައް ބާރު ސްޕީޑްގައި ހިންގަން ބޭނުންވާ ކަމުގައި ވިދާޅުވެފަ އެވެ. އެހެން ކަމުން އެކަމަށް ފުރުސަތު ފަހިކޮށްދޭނެ ބަޔަކު އިންތިހާބު ކުރުމަށް އެދިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ