ވިސާއާ މެދު ނުރުހުން ފާޅުކުރެއްވުމަށްފަހު މަސްއޫދު، ލަންކާގެ އިދިކޮޅަށް ނިސްބަތްވާ ނަމަލްއާ ބައްދަލުކުރައްވައިފި

އަވައްޓެރި ސްރީލަންކާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާ ލިބުން ދަތިވެ، އެތައް އިރަކު މަޑުކުރަން ޖެހޭ ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވައިފައިވަނިކޮށް، އެ ގައުމުގެ އިދިކޮޅުގައި ހަރަކާތްތެރިވާ ނަމަލް ރާޖަޕަކްސައާ ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މަސްއޫދު އިމާދު މިއަދު ބައްދަލުކުރައްވައިފިއެވެ. ސްރީ ލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) ޕާޓީއަކީ އެ ގައުމުގައި މިހާރު ވެރިކަން ކުރަމުން އަންނަ ސަރުކާރާ އިދިކޮޅު ފިކުރުގެ ޕާޓީއެކެވެ. އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރަޖަޕަކްސާގެ ދަރިކަލުން ނަމަލް ރާޖަޕަކްސާއާ މަސްއޫދު ބައްދަލުކުރެއްވިކަން ހާމަވީ ނަމަލް އެ ބައްދަލުވުމުގެ މައުލޫމާތު އެކްސްގައި އާންމު ކުރެއްވުމުންނެވެ. https://sun.mv/216434 ނަމަލް އެކްސްގައި ކުރެއްވި ޕޯސްޓުގައިވަނީ އެސްއެލްޕީޕީގެ އޮފީހުގައި މަސްއޫދާ ބައްދަލުކުރައްވައި ދެ ގައުމުގެ ދޭދޭ ގުޅުމާއި، އެއްބާރުލުން އިތުރުކުރުމާ ބެހޭ މަޝްވަރާތައް ކުރެވުނު ކަމަށެވެ. އަދި އެކުގައި މަސައްކަތްކޮށްގެން ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް އެރުވޭނެ ކަމަށެވެ. ލަންކާގެ ނޫހަކަށް މަސްއޫދު ދެއްވި އިންޓަވިއުގައި ގެންގުޅުއްވި ހަރުކަށި ބަސްމަގާއެކު މިހާރު ވެސް އެތައް ބައެއްގެ ފާޑުކިޔުން ވަނީ އޭނާ އަށް އަމާޒުވެފައެވެ. އަދި އެއީ ވިސާއާ ގުޅޭ މައްސަލައިގެ ކަންބޮޑުވުންތައް ހައްލުކުރަން ޖެހޭ ގޮތް ނޫންކަމަށް ވެސް ޚާރިޖީ ދާއިރާގެ ގިނަ ބޭފުޅުން ވިދާޅުވެއެވެ. https://x.com/RajapaksaNamal/status/2009558711464034793?s=20 "ސަން"އާ ވާހަކަދެއްކެވި ޚާރިޖީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަސްވީ ޑިޕްލޮމެޓަކު ވިދާޅުވީ، ގައުމެއްގައި ހުންނަވާ ސަފީރު، އެ ގައުމެއްގެ އިދިކޮޅު ފިކުރުގެ ސިޔާސީ ބޭފުޅުންނާއެކު އެފަދައިން ރަސްމީކޮށް ބައްދަލުކުރައްވައި ހެދުމަކީ ކުރާ ކަންކަން ނޫން ކަމަށެވެ. އަމުދުން ސްރީލަންކާގައި މިހާރު އޮތް ސަރުކާރަކީ އެ ގައުމުގެ ގިނަ ރައްޔިތުންގެ ތާއީދު އޮތް ސަރުކާރަކަށްވާއިރު، އެފަދައިން އިދިކޮޅު ފިކުރުގެ ސިޔާސީ ފަރާތްތަކަކާ ބައްދަލުކުރުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫންކަމަށް އެބޭފުޅާ ވިދާޅުވިއެވެ. މިފަދަ ބައްދަލުވުންތައް ބޭއްވިއަސް ބާއްވަނީ ރިޔާސީ އިންތިޚާބުތަކުގެ ދުވަސްވަރެވެ. ލަންކާގެ ޑެއިލީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި މަސްއޫދު ވަނީ ލަންކާއަށް ޒިޔާރަތްކުރާ ދިވެހީންނަށް 'ދޮން މަންމަ'އިންގެ އުސޫލުން ކަންކުރަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. މި މައްސަލަ ހައްލު ނުވާނަމަ، ރާއްޖެއިން ލަންކާ މީހުންނަށް ވިސާ ދިނުމުގައި ގެންގުޅޭ އުސޫލު ވެސް މުރާޖާކުރަން ޖެހިދާނެކަމުގެ އިންޒާރު ހައި ކޮމިޝަނަރު ވަނީ ދެއްވާފައެވެ. އޭނާ ވަނީ ސިއްހީ އަދި ތައުލީމީ ކަންކަމުގައި ރާއްޖެއިން ލަންކާއަށް ދަތުރުކުރާ މީހުންގެ އަދަދު 8،000 އިން މިހާރު 1،500 އަށް މަދުވެފައިވާ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ. މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭ ޚާރިޖީ ގޮތުން ބޮޑެތި ގޯސްތަކެއް ހަަދައިފައިވާއިރު، އެ ކަމުގެ ކަންބޮޑުބުން މި ދާއިރާގެ ބޭފުޅުން އަންނަނީ ފާޅުކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ