އުފަންވި ކޮންމެ އިންސާނެއް މަރުވާނެއެވެ.
އިންސާނުންނަކީ މާތް ﷲ އުފެއްދެވި މަޚުލޫޤުންގެ ތެރެއިން އެއް މަޚުލޫޤެވެ. އެ އިލާހު އުފެއްދި ކޮންމެ އެއްޗެއް ނެތި ފަނާވަނެއެވެ. ދެމިހުންނާނީ ހަމަ އެކަނި އެ އިލާހުގެ ވަޖުހުފުޅެވެ. އެކަން ބަޔާންކުރަންވައި ﷲ ވަޙީކުރެއްވިއެވެ.﴿ كُلُّ مَنْ عَلَيْهَا فَانٍ(٢٦) وَيَبْقَىٰ وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ(٢٧)﴾ (الرحمن) މާނައީ: "އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ، ފަނާވެދަނިވި އެއްޗެކެވެ.(27) އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ޛާތުފުޅު ދެމިވޮޑިގެންވެއެވެ.(28) އިންސާނާގެ ޚަލްޤިއްޔަތާއި އުފަންވުމާއި ނެތިދިޔުމަށް ކުޑަކޮށް ބަލައިލަމާ ހިނގާށެވެ. އެ އިލާހު ހުރިހާ ތަކެއްޗެއް ފުރިހަމަ ގޮތުގައި ޚަލްޤުކުރެއްވުމަށްފަހު، އިންސާނުން ޚަލްޤުކުރައްވަން ފެއްޓެވިއެވެ. މި ކަން ބަޔާންކުރައްވައި އައްސަޖިދަ ސޫރަތުގެ 7ވަނަ އާޔަތުގައި އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ﴿الَّذِي أَحْسَنَ كُلَّ شَيْءٍ خَلَقَهُ وَبَدَأَ خَلْقَ الْإِنسَانِ مِن طِينٍ﴾ (السجدة: ٧) މާނައީ: "އެކަލާނގެއީ، ހުރިހާ އެއްޗެއް ފުރިހަމަ ސިފައިގައި ހެއްދެވި ރަސްކަލާނގެއެވެ. އަދި މަށިން އިންސާނާ ހައްދަވަން އެކަލާނގެ ފެއްޓެވިއެވެ." އެއީ އެ އިލާހުގެ އަތްޕުޅުން އުފެއްދެވި އާދަމުގެފާނެވެ. މި ކަން އަންގަވައި ވަޙީކުރެއްވީ މިފަދައިންނެވެ. ﴿قَالَ يَا إِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَيَّ﴾ (ص: ٧٥) މާނައީ: "އެކަލާނގެ ވަޙީކުރެއްވިއެވެ. އޭ އިބުލީހެވެ! ތިމަންރަސްކަލާނގެ އަތްޕުޅުން (އެއްވެސް ވާސިޠާއަކާނުލައި) ހެއްދެވި މީހަކަށް ސަޖިދަކުރުން ކަލޭގެޔަށް މަނާކުރީ ކޮންކަމެއްހެއްޔެވެ؟] މި ދެ އާޔަތުން ދަލީލު ލިބެނީ އިންސާނުންނަކީ މާތް ﷲގެ އަތްޕުޅުން ޚަލްޤުކުރެއްވި މަޚުލޫޤެއް ކަމާއި އޭނާ އުފެއްދެވީ މަށިން ކަމެވެ. މާތް ﷲގެ އަތްޕުޅުން އުފެއްދިވީ އެންމެ އިންސާނެކެވެ. އެއަށް ފަހު އޭނާގެ ނަސްލު ދުނިޔޭގައި ދެމިއޮންނާނޭ ގޮތް ލެއްވެވީ ފެންފޮދެއްގެ ވާސިޠާއިންނެވެ. އެކަން ބަޔާން ކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿ثُمَّ جَعَلَ نَسْلَهُ مِن سُلَالَةٍ مِّن مَّاءٍ مَّهِينٍ﴾ (السجدة: ٨) މާނައީ: "ދެން އެކަލާނގެ އެ އިންސާނާގެ ދަރިފަސްކޮޅު ދެރަވެގެންވާ ފެނެއްގެ ޚުލާޞާއަކުން ހެއްދެވިއެވެ." އަރަހުށި ކަލެއްގެ ކަށަކުޅަދުންވަންތަ ކަމާއެވެ. މަށިން އާދަމުގެފާނު އުފައްދަވައި އެ ކަލޭގެފާނުގެ އަރިކަށީގެ ކަށިކޮޅަކުން ހައްވާގެފާނު އުފައްދަވައި އެ ދެމަފިރިންގެ ކިބައިން ގިނަ ޢަދަދެއްގެ ފިރިހެނުންނާއި އަންހެނުން ނެރުއްވީ އެ މަތިވެރި އިލާހެވެ. ނިސާ ސޫރަތް ފެއްޓެވީ މި ވާހަކައިންނެވެ. ވަޙީކުރައްވަނީ ﴿يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً﴾ (النساء: ١) މާނައީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! އެކަލާނގެއީ، އެންމެ ނަފުސަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ ނަފުސުގެ ކިބައިން އޭގެ އަނެއް ޖިންސު ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ." ވަރަށް ސާފު ސީދާ ސާދާ އިބާރާތްތަކަކުން މާތް ﷲ ވަޙީކުރައްވައި އަންގަވައިފައި އެ ވަނީ އިންސާނީ ޚަލީފާވެރިކަން ދުނިޔޭގައި ދެމިލެހެއްޓެވުމަށް ޓަކައި އިންސީން އުފެއްދެވި ގޮތާއި އެ ނަސްލު ދެމި އޮންނާނޭ ގޮތެވެ. އެއްވެސް މަޚުލޫޤަކަށް އިލާހީ ސުންނަތުން ބޭރުނުވެވެއެވެ. އެއީ އުފަންވި ކޮންމެ އެއްޗެއް މަރުވެ ނެތި ދިޔުމުގެ ސުންނަތެވެ. މި އިންސާނާ ވެސް ފަނާވަނިވި މި ދުނިޔެއަށް އޭނާގެ ފަނާވަނިވި ހަށިގަނޑު ދޫކޮށްފައި ދާނެއެވެ. އަދި އެއަށް ފަހު ހިސާބުކިތާބުގެ ދުވަހު މަޙުޝަރުގެ މައިދާނަށް އޭނާ ދިރުއްވާނެތެވެ. މި ކަން ބަޔާން ކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿ثُمَّ إِنَّكُم بَعْدَ ذَٰلِكَ لَمَيِّتُونَ﴾ (المؤمنون: ١٥) މާނައީ: "ދެން ހަމަކަށަވަރުން، ތިޔަބައިމީހުން އޭގެފަހުގައި މަރުވާނެކަން ކަށަވަރެވެ." ﴿ ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ تُبْعَثُونَ﴾ (المؤمنون: ١٦) މާނައީ: "ދެން ހަމަކަށަވަރުން، ތިޔަބައިމީހުން ޤިޔާމަތްދުވަހުން، އަލުންދިރުއްވައި މަޙްޝަރަށް ފޮނުއްވާނެތެވެ." މި ޙަޤީޤަތުގެ މައްޗަށް ނަޒަރު ހިންގައި ނަފުސުތައް އިޞްލާޙުކުރާ މީހުންނަކީ ޙަޤީޤީ ކާމިޔާބުގެ އަހުލުވެރިންނެވެ. އެ ކަމަށް އޮތް ހަމއެކަނި ވަގުތަކީ މި ދުނިޔޭގެ ޙަޔާތެވެ. އަޅުގަނޑުމެންގެ ކުރިމަތީ އިންސާނުން މި ދުނިޔެ ދޫކުރާ މަންޒަރު ދެކެފައިމެ އެ ކަމުން ޢިބުރަތް ނުލިބޭ މީހާއަށްވުރެ ބަދުނަސީބު މީހަކީ ފަހެ، ކާކުހެއްޔެވެ؟ އުފަންވި ކޮންމެ އިންސާނެއް މަރުވާނެކަން ދަންނަންވީ އަހަރެން ވެސް އޭގައި ހިމަނައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ