ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލާގައި ސަމާހު މަރަން އަނެއްކާވެސް ހުކުމްކޮށްފި

މީގެ 13 އަހަރު ކުރިން ކ. ކާށިދޫގައި ޑިއުޓީއަށް ނުކުމެ ހުއްޓައި ވަޅިއަކުން ހަމަލާދީ، ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލައިގައި މުހައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން އަނެއްކާވެސް ހުކުމްކޮށްފި އެވެ.
މައްސަލައިގެ ފެށުން - މި ހާދިސާ ހިނގީ 23 ޖުލައި 2012ގަ އެވެ. މި މައްސަލާގައި ތުހުމަތުވާ ފަރާތަކީ މުހައްމަދު ސަމާހު، ސުވާސާގެ/ކ. ކާށިދޫ އެވެ. 
ޝަރީއަތުގެ ފުރަތަމަ ދެ މަރުހަލާގައި ކުށް ސާބިތުވި ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވައި ޝަރީއަތް އަލުން ފަށަން އެންގުމަށެވެ. އެގޮތުން:
ސަމާހު މަރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2013ގައި
ހައި ކޯޓުން އެ ހުކުމް ދެމެހެއްޓީ 30 ސެޕްޓެމްބަރު 2020ގައި
ސުޕްރީމް ކޯޓުން މައްސަލަ އަލުން ބަލަން ހުކުމްކުރީ 23 ސެޕްޓެމްބަރު 2024ގައި
މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން އެންގީ، އޭނާ ކުރިން ކުށަށް އިއުތިރާފުވީ އަނިޔާ ލިބިގެން މަޖުބޫރު ހާލަތުގައި ކަމަށް ސަމާހު ބުނާ ބުނުމަށް ފުރުސަތު ދޭން ޖެހޭ ކަމަށް ނިންމުމަށް ފަހު
ސުޕްރީމް ކޯޓުން މައްސަލަ ފޮނުވާލިއިރު، ކްރިމިނަލް ކޯޓުން ބަންދާ މެދު ގޮތެއް ނިންމަންދެން ވަގުތީ ބަންދެއްގައި ބަހައްޓަން އަމުރުކުރި
ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމީ 31 އޮކްޓޫބަރު 2024ގައި
ތަފްސީލް - މިދިޔަ އާދީއްތަދުވަހު ކްރިމިނަލް ކޯޓުން ވަނީ އާދަމް ހަލީމަށް ސަމާހު ހަމަލާ ދިނީ މަރާލުމުގެ ގަސްތު އޮވެގެން ކަން ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ.
ސަމާހުގެ މައްޗަށް ގާތިލެއްގެ ކުށް ސާބިތުވާތީ ކްރިމިނަލް ކޯޓަށް އާދަމް ހަލީމްގެ ވާރިސުން ހާޒިރުކޮށް ވާރިސުން އެދޭ ގޮތް ވަނީ ސާފުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ ވާރިސުން އެދެނީ ގިސޯސް ހިފަން ކަމަށް ވާތީ، އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ ހިލާފު ނުވާނެ ގޮތެއްގެ މަތިން ސަމާހު މަރަން އެ ކޯޓުން ހުކުމްކޮށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އަންގާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ