ސާޖަންޓް ޙަލީމް މަރާލިކަމަށް ކުށް ސާބިތުވި ސަމާޙް މެރުމަށް ދެވަނަ ފަހަރަށް ހުކުމްކޮށްފި
މީގެ ސާދަ އަހަރުކުރިން ކ. ކާށިދޫގައި ސާޖަންޓް އާދަމް ޙަލީމަށް ވަޅިން ހަމަލާދީ މަރާލިކަމުގެ ކުށް ސާބިތުވި މުޙައްމަދު ސަމާޙް މަރަން، ކްރިމިނަލް ކޯޓުން ދެވަނަ ފަހަރަށް ހުކުމްކޮށްފިއެވެ. ޙަލީމް މަރާލި މައްސަލައިގައި ސަމާޙްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާ މެރުމަށް ފުރަތަމަ ހުކުމްކުރީ 2013ވަނަ އަހަރެވެ. އެ ހުކުމް ހައިކޯޓުންވެސް ދަމަހައްޓައިފައިވަނިކޮށް، މައްސަލަ އަލުން ބަލަން އެންގީ ސުޕްރީމް ކޯޓުންނެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ ހުކުމް އިއްވަމުން އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދު ވިދާޅުވީ، މީހަކު ކުށަކަށް އެއްބަސް ވިޔަސް، އެ މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމޭނީ އެ މީހަކު ދައްކާ ވާހަކަތައް އެއްވެސް ޝައްކެއްނެތް މިންވަރަށް ކަށަވަރުކުރުމަށްފަހު ކަމަށެވެ. އަދި ހައްދުގެ މައްސަލަތަކުގައި ކީރިތި ރަސޫލާވެސް އެގޮތަށް އަމަލުކުރެއްވި ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައި ވެއެވެ. ނަމަވެސް ސަމާޙް ކުށަށް އެއްބަސްވިއިރު، ހަމަލާދިން ކަމަށް އެއްބަސްވި ނަމަވެސް ހަމަލާދިނީ ގަސްދުގައި މީހަކު މެރުމުގެ ނިޔަތުގައި ނޫން ކަމަށް އޭނާ ބުނެފައިވާ ކަމަށް ހުކުމުގައިވެއެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު ޙުސްނުއްސުޢޫދުގެ އިތުރުން ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ އިތުރުން ކުރީގެ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ. ސަމާޙް އެއްބަސްވީ ބިރުދައްކައިގެން ކަމަށް އޭނާ ބުނުމާއި ސަމާޙް ވެފައިވާ އިއުތިރާފްގެ ބޭރުން އިތުރު ހެއްކެއް ހުރިތޯ ބެލުމަށް ފަހު އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވަން ޖެހޭ ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެއެވެ. ސުޕްރީމް ކޯޓުގެ ހުކުމާއެކު، އަލުން މައްސަލަ ބަލައި ސަމާޙްގެ މައްޗަށް ކުށް ސާބިތުވާކަމަށް އަލުން ކަނޑައެޅީ މިދިޔަ މަހުގެ 29ވަނަ ދުވަހެވެ. ކޯޓުން މިއަދުވަނީ ސަމާޙް މަރަން ހުކުމްކޮށްފައެވެ. ކްރިމިނަލް ކޯޓުން ބުނީ، ޙަލީމަށް ސަމާޙް ހަމަލާދިނީ ޙަލީމް މަރާލުމުގެ ގަސްދުގައިކަން، މައްސަލައިގައި ހުށަހެޅި ހެކިތަކުން އެއްވެސް ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ. އަދި ޙަލީމްގެ ވާރިޘުން އެދޭ ގޮތަކީ ޙަލީމްގެ ކިބައިން ޤިޞާޞް ހިފުންކަމަށް ޝަރީއަތުގައި ބުނެފައިވާ ކަމަށް، ކްރިމިނަލް ކޯޓުން ބުންޏެވެ. އެހެންވެ، އެ ކުށުގެ އަދަބެއްގެ ގޮތުން، އިސްލާމީ ޝަރީއަތުގައިވާ އުސޫލުތަކާ އެއްގޮތަށް ސަމާޙް މެރުމަށް ދައުލަތުގެ ކަމާބޭހޭ ފަރާތްތަކަށް އަންގައި އެގޮތުގެ މަތިން ހުކުމްކޮށްފައިވާ ކަމަށް، ކޯޓުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ