ނިޒާމީ ވޯޓަށް 14 މަސް ނެގި؛ 19 އަހަރު ކުރިން އަހަރެމެން މާ ތަސައްރަފު ފުދޭ: ކުރީގެ ޕީޖީ މުއިއްޒު

ވެރިކަމުގެ ނިޒާމާ މެދު ގޮތެއް ނިންމަން ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހުން ފާސްކުރުމާއި އެ ވޯޓު ނެގުމާ މެދު 14 މަސް ނުވަތަ އެއް އަހަރާއި ދެ މަސް ހިނގި ކަމަށާއި އޭރު ތިބީ މާ ތަސައްރުފުފުދޭ ބައެއް ކަމަށް ހިތަށްއަރާ ކަމަށް ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަހުމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި ނިޒާމީ ވޯޓު ނެގި ގޮތުގެ ތަފުސީލުތައް ހިމެނުއްވީ، މި ފަހަރު މަޖިލީހުން ފާސްކުރިތާ އެންމެ ދެ މަހާއި 25 ދުވަހުގެ ތެރޭގައި އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމާ މެދު ހިޔާލު ހޯދުމުގެ ވޯޓެއް ނަގާތީ އެވެ:
މިދިޔަ 10 ފެބްރުއަރީގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލުގައި މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރުން ފަސް މަހާއި 27 ދުވަސް އުނިކޮށް، މިހާރު ހިނގަމުންދާ މަޖިލިސް 1 ޑިސެމްބަރު 2028ގައި މި މަޖިލިސް އުވިގެންދާނެ
މަޖިލިހުގެ އުމުރަށް ބަދަލު ގެންނަ ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގާނޫނުއަސާސީ ލާޒިމުކުރާތީ މިދިޔަ 16 ފެބްރުއަރީގައި ރައީސް މުހައްމަދު މުއިއްޒު ގަރާރެއް ނެރުއްވަނީ ކައުންސިލް އިންތިހާބާ އެކު އެ ވޯޓު ނެގުމަށް
ތަފްސީލް - ފެހި ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރުކަންކުރެއްވި މުއިއްޒުގެ އެ ޕޯސްޓްގައިވާ ގޮތުން:
ނިޒާމު ކަނޑައެޅުމުގައި ރައްޔިތުންގެ ހިޔާލު ހޯދަން ފެންނަ ނުފެންނަ ވޯޓެއް ނަގަން ހާއްސަ މަޖިލީހުން ފާސްކުރީ 18 ޖޫން 2006ގައި
ހާއްސަ މަޖިލީހުގެ ރައީސް އައްބާސް އިބްރާހީމް 21 ޖޫން 2006ގައި އޭރުގެ ރައީސް މައުމޫނަށް ސިޓީއެއް ފޮނުއްވައި، އެކަން އަމަލީ ގޮތުން ކުރިއަށް ގެންގޮސްދެއްވަން އެދިވަޑައިގެންނެވި
އެ ސިޓީގެ ޖަވާބުގައި ރައީސް މައުމޫން 29 ޖޫން 2006ގައި ފޮނުއްވި ސިޓީގައި ހާއްސަ މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެންނެވީ ވޯޓަށް އަހާ ވެރިކަމުގެ ނިޒާމުތަކާ ބެހޭ މައުލޫމާތު އިތުރަށް އޮޅުންފިލުވައިދެއްވުމަށް
އެ ވޯޓު ނެގުމުގެ ކަންކަން ވިލަރެސްކުރި ހާއްސާ މަޖިލީހުގެ ކޮމިޓީއެއް އިސްވެ އޮވެ، އެ ވޯޓުގައި ރައްޔިތުންގެ ކިބައިން އަހާ ކަންކަމާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރަން ގިނަ މަސައްކަތްތަކެއް ކުރި
ނިޒާމީ ވޯޓު ނެގީ ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތަށް ފަހު 18 އޮގަސްޓް 2007ގައި
ބުނީ ކީކޭ؟ - "ރައްޔިތުންގެ ޚާއްސަ މަޖިލީހުން އެކަން ފާސްކުރުމާއި، ވޯޓު ނެގުމާ ދެމެދު 14 މަސްދުވަސް ހޭދަވި،" މުއިއްޒު ލިއުއްވި އެވެ.
"އޭގެ ގާތްގަނޑަކަށް 19 އަހަރު ފަހުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން އަޅުގަނޑުމެން ތައްޔާރުވަމުން ދާއިރު، މިއަދު އަމަލުކުރަމުން މި ދަނީ އެގޮތަށްތޯ؟ މީގެ 19 އަހަރު ކުރިން އަޅުގަނޑުމެން މާ ތަސައްރުފު ފުދޭ ނޫންބާއޭ އަޅުގަނޑުގެ ހިތަށްއަރަ އެވެ،" މުއިއްޒު އިތުރަށް ލިއުއްވި އެވެ.
އޭނާ ވިދާޅުވީ މައުލޫމާތު ހިމެނޭ ފޮތާއި، ލީފްލެޓާއި، ޕޯސްޓަރު މުޅި ރާއްޖޭގައި ބަހާފައިވާ ކަމަށާއި ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށް ދެ ފަރާތަށް ހުރި ހުއްޖަތްތައް ހާމަކަމާ އެކު ބަޔާންކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.
އެނގުން މުހިންމު: އޭރު ރާއްޖޭގެ މައިގަނޑު ޓީވީއަކީ ޓީވީއެމް އެވެ. މައިގަނޑު ރޭޑިއޯ ސްޓޭޝަނަކީ ދިވެހިރާއްޖޭގެ އަޑެވެ. އެކަމަކު ދެ ހިޔާލުގެ މީހުންނަށް ވެސް މައުމޫންގެ ސަރުކާރުން އެ ދެ މީޑިއާ ހުޅުވާލި އެވެ.
ސަރުކާރުން ތާއީދުކުރީ ރިޔާސީ ނިޒާމަށެވެ. އެމްޑީޕީ ނުކުތީ ބަރުލަމާނީ ނިޒާމު ކާމިޔާބުކުރުމަށެވެ.
އެއީ އެހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ މިނިވަން ވޯޓު ނެގުން ކަމަށް، އޭރުގެ ގިނަ ބަޔަކު އެއްބަސްވި އެވެ.
އަންނަ ހޮނިހިރުދުވަހުގެ ވޯޓުގައި 'ނޫނެކޭ' ޖަހަން ކެމްޕޭންކުރަމުން އަންނަ އިދިކޮޅު ފަރާތްތަކަށް މިއަދު ދައުލަތުގެ މީޑިއާއިން ފުރުސަތު ނުލިބޭކަމުގެ ޝަކުވާ ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ