ރެފަރެންޑަމް ހުއްޓުވުމަށް ޝުނާނާ ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބަލައިނުގަތް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު އާންމުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓު ހުއްޓުވުމަށް ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ހުށަހެޅުއްވި ދުސްތޫރީ މައްސަލަ، ހައިކޯޓުން ބަލައިނުގަނެ އަނބުރާ ފޮނުވައިލައިފިއެވެ. އިއްޔެ ހައިކޯޓަށް ޝުނާނާ ހުށަހެޅުއްވި މައްސަލައިގައި، ހޮނިހިރު ދުވަހު އޮންނަ ޚިޔާލު ހޯދުމުގެ ވޯޓުގައި ކުރާ ސުވާލުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަކޮށް ބަޔާންކޮށްފައިވަނީ އިންތިޚާބުގެ ފުރިހަމަ މަގުސަދަކީ ކޮބައިކަން އިލެކްޝަންސް ކޮމިޝަނަށް ބުނެދެވިފައިނުވާ ކަމަށެވެ. ހައިކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝިދާގެ ނިންމުމުގައިވަނީ، ޚިޔާލު ހޯދުމުގެ ވޯޓު ބާއްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ފެބްރުވަރީ މަހުގެ 16ވަނަ ދުވަހު ނެރުއްވި ގަރާރަށް ގާނޫނެއްގެ ދަރަޖައެއް ދެވޭނެ އަސާސެއް ނެތް ކަމަށާއި، އެ ގަރާރަކީ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކުން ބާރުލިބިގެން އެ އިމުގެ ތެރެއިން އެކުލަވާލައިފައިވާ މަސްދަރެއްނޫން ކަމަށެވެ. https://sun.mv/219933 އެހެންވެ، ދުސްތޫރީގޮތުން ހައިކޯޓަށް މި މައްސަލަ ނުބެލޭނެ ކަމަށް، އެ ނިންމުމުގައިވެއެވެ. އަދި ޝުނާނާ ހުށަހެޅުއްވި މައްސަލައިގެ ބަޔާނަށް ބަލާއިރު، ރައީސް ނެރުއްވި ގަރާރަކީ މަޖިލީހުން ފާސްކޮށްފައިވާ މަސްދަރެއް، ނުވަތަ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކުން ބާރުލިބިގެން އެ ގާނޫނުގެ އިމުގެ ތެރެއިން އެކުލަވާލައިފައިވާ މަސްދަރެއްކަން ޝުނާނާގެ ފަރާތުން ބަޔާންކޮށްދީފައިނުވާ ކަމަށް ވެސް، ރަޖިސްޓްރާގެ ނިންމުމުގައިވެއެވެ. ޝުނާނާ ހުށަހެޅުއްވި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި، އިންތިޚާބު ބާއްވަން ނިންމި ތާރީޚާއި ގަރާރު ނެރުނު ތާރީޚާ ދެމެދު އޮތީ 47 ދުވަސްކަމުން، އެއީ ރައްޔިތުން ހޭލުންތެރިކުރުވުމަށާއި ބަހުސްކުރުމާއި ތާއީދުކުރާ ފަރާތްތަކާއި ދެކޮޅު ފަރާތްތަކުން ތައްޔާރުވުމަށާއި އަދި އިންތިހާބާ ގުޅޭ އެހެނިހެން ކަންތައްތަކަށް ތައްޔާރުވުމަށް ވަރަށް ކުރު މުއްދަތެކެވެ. ޝުނާނާ ވަނީ، ޚިޔާލު ހޯދުމުގެ ވޯޓު ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށްވެސް ހައިކޯޓުގައި އެދިވަޑައިގެންފަ އެވެ. އަދި ވަގުތީ އަމުރު ނުލިބިއްޖެ ނަމަ ދައުވާ ލިބޭ ފަރާތްތަކުގެ މައްޗަށް ވޯޓުގެ އެއްވެސް ނަތީޖާއެއް އިއުލާނުކުރުން، ޝާއިއުކުރުން ނުވަތަ ހާމަކުރުން މަނާކުރުން ނުވަތަ އެ ވޯޓަށް ގާނޫނީ، ގާނޫނުއަސާސީ ނުވަތަ އަމަލީ އެއްވެސް ހުއްޖަތެއް ނުވަތަ ބާރެއް ދިނުން ހުއްޓުވައި ދިނުމަށްވެސް ވަނީ އެދިފައެވެ. މި ވޯޓާ ގުޅޭ މައްސަލައެއް އެމްޑީޕީގެ ވަކީލުން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ