ރަސްމީ ޑިއުޓީ އަދާކުރަމުން ގެންދަނިކޮށް ޕޮލިސް ސާޖަންޓް އާދަމް ހަލީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކ. ކާށިދޫ/ ސުވާސާގެ، މުހައްމަދު ސަމާހުގެ މައްޗަށް މަރުގެ ހުކުމް ކުރިމިނަލް ކޯޓުން އިއްވައިފިއެވެ.
އާދަމް ހަލީމަށް ހަމަލާދީ މަރާލީ 23 ޖުލައި 2012 ގައެވެ. އެ މައްސަލައިގައި ސަމާހުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށަހެޅީ 29 ޖުލައި 2012 ގައެވެ. އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 14 ޖަނަވަރީ 2013 ދުވަހު، ސަމާހު މެރުމަށް އެ ކޯޓުން ހުކުމްކުރިއެވެ.
އަދި އެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަަވަރުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް 30 ސެޕްޓެންބަރު 2020 ދުވަހު އެ އެ ކޯޓުންވެސް ނިންމިއެވެ.
ނަމަވެސް އެ ނިންމުން ސަމާހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަހުވީލުކުރުމަށް 23 ސެޕްޓެންބަރު 2024 ދުވަހު ނިންމާފައިވެއެވެ.
ކްރިމިނަލް ކޯޓުން މައްސަލަ އަލުން ބެލުމަށްފަހު، އެ މައްސަލައިގައި ސަމާހުގެ މައްޗަށް ކޮށްފައިވާ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ވަނީ ހުކުމްކޮށްފައެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމަކީ ސަމާހުގެ މައްޗަށް އަދަބު ކަނޑައެޅުމަށްޓަކައި، އާދަމް ހަލީމުގެ ވާރިސުންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ. ހުރިހާ ވާރިސުންވެސް ބޭނުންވީ ސަމާހުގެ ކިބައިން މަރަށް މަރު ހިފުމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވައިފައެވެ.
އާދަމް ހަލީމް މަރާލި މައްސަލައިގައި ސަމާހުގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ