150 ކާރާ އެކު ސަރުކާރުގެ ޓެކްސީ ލައިން އިފްތިތާހުކޮށްފި

ތިމާވެއްޓާ ރައްޓެހި 150 އިލެކްޓްރިކް ކާރާ އެކު، ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް މިރޭ އިފްތިތާހްކޮށްފި އެވެ.
ވީ ކިހިނެއް؟ - ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހްކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.
ތަފްސީލް - ސަރުކާރުން މި ހިދުމަތް ފަށަން ބޭނުންވާ ކާރުތައް ގެނައީ މިދިޔަ މަހު ފަހުކޮޅުގަ އެވެ. އެމްޓީސީސީން ފޯރުކޮށްދޭ މި ހިދުމަތަށް އެ ކުންފުނިން ގެނައި 150 ކާރުގެ ތެރޭގައި މާލޭގެ ކުދިކުދި ގޯޅިތަކުގައި ދުއްވޭ ވަރުގެ ކުދި ސައިޒުގެ 70 ކާރު ވެސް ހިމެނެ އެވެ.
ސަރުކާރުން މި ހިދުމަތަށް ގެނައީ ތިން ސައިޒެއްގެ ކާރެވެ. އެމްޓީސީސީން ބުނި ގޮތުގައި:
ޑީޕަލް S05 ސައިޒުގެ 60 ކާރު؛ މި ކާރުތަކުގައި ހަތަރު ސީޓު، ކާގޯ ސްޕޭސް ނުވަތަ ޑިކީގެ ގޮތުގައި ކާރުގެ ފަހަތް އަދި ކާރުގެ ކުރީ ޓްރަންކް ވެސް ލަގެޖު އަރުވަން ބޭނުން ކުރެވޭނެ
ލޫމިން ސައިޒުގެ 70 ކާރު؛ މާލޭގެ ހަނި ގޯޅިތަކަށް ވަދެވޭ ވަރުގެ ކުދި ސައިޒު އަދި މި ކާރުތަކަށް ކާގޯ ސްޕޭސް ނުވަތަ ޑިކީއަށް ކުދި ލަގެޖުތައް ލެވޭނެ
ޑީޕަލް S07ގެ 20 ކާރު؛ ހަތަރު ފަސިންޖަރުންނަށް ދަތުރުކުރެވޭ އަދި މި ކާރުތަކުގެ ކާގޯ ސްޕޭސް ނުވަތަ ޑިކީގެ ގޮތުގައި ކާރުގެ ފަހަތާއި ކާރުގެ ކުރީ ޓްރަންކް ވެސް ބޭނުންކުރެވޭނެ
ބުނީ ކީކޭ؟ - މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ މިއީ ދަތުރުފަތުރަށް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދޭން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށެވެ.
"މިއަދު، މާދަމާ، އަދި އަންނަން އޮތް ޖީލުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެނެސްދެއްވާ ވަށައިޖެހޭ ހައްލެއް އަދި ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ސައުދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ 24 ގަޑިއިރުގެ ހިދުމަތެއް ކަމަށެވެ. އަދި އެ ހިދުމަތަށް ހާއްސަ ވެބް އެޕްލިކޭޝަނެއް އުފައްދާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޓީސީސީގެ ޓެކްސީ ހިދުމަތަށް ހާއްސަ ހޮޓްލައިން ނަންބަރަކީ 1615  އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ