ޕްރެފެރެންޝަލް ނިޒާމަކުން ރައީސް އިންތިހާބުކުރުން ރަނގަޅެއް ނޫން: ސޯލިހު

ޕްރެފެރެންޝަލް ނިޒާމަކުން، އެއްބުރުން ރައީސް އިންތިހާބުކުރުމަކީ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވަން ޖެހޭ ގޮތަށް މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ބަދަލަށް ރައްޔިތުން ރުހޭތޯ ބެލުމަށް ހިޔާލު ހޯދުމުގެ ވޯޓެއް ވެސް ކައުންސިލް އިންތިހާބާ އެކު އަންނަ ހޮނިހިރު ދުވަހު ނަގާނެ އެވެ.
އެ ވޯޓުގެ ނަތީޖާ އަންނަ ގޮތަކުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން ޖެހޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ވިސްނަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ ހޯމަދުވަހު ވިދާޅުވެފައިވެ އެވެ.
ތަފްސީލް - ހިޔާލު ހޯދުމުގެ ވޯޓުގައި 'ނޫނެކޭ' ޖަހަން އިދިކޮޅު އެމްޑީޕީން ކެމްޕެއިންކުރަމުން ދާއިރު 'ރާއްޖެޓީވީ'ން ގެނެސްދޭ 'ނޫނެކޭ' ޕްރޮގްރާމްގައި ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބު މި ވަގުތު އޮތް ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އާދެވެން ޖެހޭނީ ރައްޔިތުންގެ ސާފު އަގުލަބިއްޔަތު އޮވެގެން. 10-12 ކެންޑިޑޭޓުން ކުރިމަތިލައިގެން އެންމެ %25 ވޯޓުން ވެސް ވެރިކަމަށް އާދެވިދާނެ. އޭރުން ވެރިކަން ކުރަން ޖެހޭނީ ރައްޔިތުންގެ ތާއީދެއް ނެތި،" ސޯލިހު ވިދާޅުވި އެވެ.
ރައްޔިތުންގެ ސާފު އަގުލަބިއްޔަތު ނެތި ވެރިކަމަށް އައިސް ވެރިކަންކުރަން ދަތިވާނެ ކަމަށާއި ހުދުމުހުތާރު ވެގެން ވެރިކަންކުރަން މަޖުބޫރު ވެދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕްރެފެރެންޝަލް ވޯޓިން ނިޒާމަކުން ވެސް ރައީސް އިންތިހާބު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެ މަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ރައީސް އިންތިހާބު ކުރުމަށް ރާއްޖޭގައި މި އޮތް ދެ ބުރުގެ ނިޒާމަކީ އެންމެ ރަނގަޅު ގޮތެވެ.
"ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި މި ގޮތަށް ނިންމީ ވަރަށް ވިސްނުންތައް ވިސްނައިގެން. އަޅުގަނޑަށް ވެސް އެ ތަނުގައި އިނދެވުނު. ދުނިޔޭގެ އެންމެ ފަހުގެ ޑިމޮކްރެޓިކް ގާނޫނުއަސާސީތައް ވެސް ގެނެސްގެން ބަލައި ދިރާސާކުރުމަށް ފަހު،" ހާއްސަ މަޖިލީހުގެ ޅ. އަތޮޅު މެންބަރުކަން ކުރެއްވި ސޯލިހު ވިދާޅުވި އެވެ.
އެނގުން މުހިންމު - ޕްރެފެރެންޝަލް ވޯޓިން ސިސްޓަމަކީ ބައެއް ގައުމުތަކުގައި މިހާރު ވެސް އަމަލުކުރަމުންދާ ނިޒާމެކެވެ. އޭގެ ތެރޭގައި އަވައްޓެރި ސްރީ ލަންކާގައި ރިޔާސީ އިންތިހާބު އަދި އިންޑިއާގައި ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ވޯޓުގައި އެ ސިސްޓަމް ބޭނުންކުރެ އެވެ.
ހުރިހާ ވޯޓެއްގައިހެން ޕްރެފެރެންޝަލް ވޯޓިން ސިސްޓަމް ތައާރަފުކޮށްގެން، އެ ކަމަށް މަޝްހޫރުވެފައިވަނީ އޮސްޓްރޭލިއާ އާއި އަޔަލޭންޑެވެ.
ޕްރެފެރެންޝަލް ވޯޓިންތައް ހިނގާ ގޮތް ކުރު ގޮތަކަށް:
ވޯޓު ދޭން ޖެހޭނީ ކުރިމަތިލާ ކެންޑިޑޭޓުން ރޭޓުކޮށްގެން؛ އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަކަށް އެކެއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ދޭއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ތިނެއް، މިފަދަ ގޮތަކަށް
50%އަށް ވުރެ ގިނަ މީހުން އެއް ކެންޑިޑޭޓަކަށް "އެކެއް" ގެ ރޭންކިންގައި ވޯޓު ދީފި ނަމަ، އެ ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެވޭނެ
50% މީހުން "އެކެއް" ރޭޓިން ދިން ކެންޑިޑޭޓެއް ނެތް ނަމަ ދެން ބަލާނީ "ދޭއް" ރޭޓިންއަށް؛ "ދޭއް ރޭޓިން ގުނަން ފަށާނީ "އެކެއް" ރޭޓިން މަދުން ލިބުނު ކެންޑިޑޭޓު ނުވަތަ އޭގެ ތެރެއިން ވަކި އަދަދެއްގެ ކެންޑިޑޭޓު ނުލާ
 "ދޭއް" ރޭޓިންއަށް ފަހު ވެސް %50 ކެންޑިޑޭޓަކަށް ހަމަ ނުވާ ނަމަ، ކުރިން މި ފާހަގަކުރި އުސޫލުން ކުރިއަށް ދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ