500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކައި ޚަލާސްކޮށްފި

2021 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ދިވެހި ސަރުކާރުން ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު އެއްކޮށް ދައްކައި ޚަލާސްކޮށްފި ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގއިން ހާމަކޮށްފިއެވެ.
މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައިވާ ބުނެފައިވަނީ މި ފައިސާ ދެއްކުމުގައި ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާއެވެ. ސުކޫކަށް ދައްކަންޖެހޭ އަސްލު އަދަދު ކަމަށްވާ 500 މިލިއަން ޑޮލަރާއި، އޭގެ ފައިދާގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން މިހާރު ވަނީ ދައްކާފައެވެ. މީގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ނުވަތަ ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނީގެ މިންވަރު ކުޑަވެގެންދާނެއެވެ.
މި ސުކޫކަކީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން، އޭގެ ކުރީގެ ސަރުކާރުން ނަގާފައިވާ 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށްޓަކައި ވިއްކި ސުކޫކެކެވެ. އިގްތިޞާދީ ގޮތުން ހީނަރުވެފައިވާ ދަނޑިވަޅެއްގައި، އެކަށީގެންވާ ހަރުދަނާ ސިޔާސަތެއް ނެތި ބޮޑު އަގުގައި ވިއްކި މި ސުކޫކު އަނބުރާ ދެއްކުމަށްޓަކައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވުމަށްފަހު ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރަން ފަށާފައެވެ.
އެގޮތުން، އެސްޑީއެފްއަށް ބޭރު ފައިސާ ޖަމާކުރަން ފެށުމާއި، 2024 ވަނަ އަހަރުން ފެށިގެން އެ ފަންޑަށް ޖަމާކުރާ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ރޭޓު ބޮޑުކުރުން ހިމެނެއެވެ. މި ބަދަލު ގެނެސްފައިވަނީ ދިވެހި ފަސިންޖަރުންނަށް އޭގެ ބުރަ ނުޖެހޭނެ ގޮތަކަށެވެ. މި ސިޔާސަތުތަކުގެ ސަބަބުން އެސްޑީއެފްގެ ބޭރު ފައިސާގެ ބެލެންސް ފުރަތަމަ ފަހަރަށް 350 މިލިއަން ޑޮލަރަށްވުރެ އިތުރުވެފައިވާއިރު، ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް 1.3 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ރިޒާވް މިހާ މަތިވި ފުރަތަމަ ފަހަރެވެ.
ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ އިގުތިޞާދީ ބަދަލުތަކަށް ފެތޭގޮތަށް މާލީ ސިޔާސަތުތައް ބައްޓަންކޮށް، މެދުރާސްތާގައި ދައުލަތުގެ ދަރަނި ދަށްކޮށް، ގައުމުގެ ފިސްކަލް ހަމަޖެހުން ދެމެހެއްޓުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ