ވަކި ބަޔަކަށް ނާޖައިޒު މަންފާ ލިބޭގޮތަށް ޕާކިން ސްލޮޓްތައް ނުވިއްކަން: އެޗްޑީސީ

ހުޅުމާލޭގެ ޕާކިން ސްލޮޓްތައް ދޫކުރުމުގައި ވަކި ބަޔަކަށް ނާޖައިޒު މަންފާ ލިބޭގޮތަށް އަމަލުކުރަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަރުކަށި އިބާރާތުން ދޮގުކޮށްފިއެވެ.
އެޗްޑީސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ޕާކިން ސްލޮޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވި ފަރާތްތައް އިވެލުއޭޓްކޮށް، އެ ފަރާތްތަކުގެ ލިސްޓު ވަނީ އާންމުންނަށް ފެންނާނެހެން ޝާއިއުކޮށްފައެވެ. މި މަސައްކަތަކީ ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށްދާ ކަމެއްކަން އެޗްޑީސީން ފާހަގަކުރެއެވެ.
އެ ކޯޕަރޭޝަނުން ބުނީ، މިގޮތަށް އާންމުކޮށް އިއުލާންކޮށް، ހާމަކަން ބޮޑު ގޮތެއްގައި ޕާކިން ސްލޮޓްތައް ދޫކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، މިކަމާ ގުޅޭ ގޮތުން އާންމުންނަށް އޮޅުން އަރާ ގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުން ގެންދިއުމަކީ އެ ކޯޕަރޭޝަނުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ.
އަދި ވަކި ބަޔަކަށް ނާޖައިޒު މަންފާ ލިބޭ ގޮތަށް ޕާކިން ސްލޮޓްތައް ވިއްކަމުންދާ ކަމަށް ބުނެ، ކޯޕަރޭޝަންގެ އިތުބާރު ގެއްލޭ ގޮތަށް މައުލޫމާތު ފަތުރަމުންދާ ދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިފަދަ ހަގީގަތާ ހިލާފު ދޮގު މައުލޫމާތު އާންމުކުރާ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން ބަލާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ