އީރާނުގެ މެޗުތައް ކުޅޭނީ އެމެރިކާގައި، އިންފަންޓީނޯ ދިނީ ރައްކާތެރިކަމުގެ ފެހި ސިގުނަލް

މިދިޔަ މަހު އީރާނާއި އެމެރިކާގެ މަސްލަހަތު ގޯސްވެ، ކުރިމަތިވި ހަނގުރާމައިގެ ސަބަބުން އީރާނުގެ ފުޓްބޯޅައަށް ކުރިމަތިވި ނުތަނަވަސްކަމަށްފަހު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އީރާނުގެ ފުޓްބޯޅަ އިސްވެރިންނާ ދެމެދު ބޭއްވި ފުރަތަމަ ބައްދަލުވުމުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ހާމަވެއްޖެއެވެ. ތުރުކީގައި ބޭއްވި މި ބައްދަލުވުމުގައި އިންފަންޓީނޯ ވަނީ އީރާނުގެ މެޗުތައް މެކްސިކޯއަށް ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަން ތަކުރާރުކޮށް، "ޕްލޭން އޭ" އާ އެއްގޮތަށް އެމެރިކާގައި މެޗުތައް ކުޅޭނެކަމުގެ ޔަގީންކަން ދީފައެވެ. އީރާނުގެ ލީގު މެދުކަނޑާލާފައި އޮތުމުގެ ސަބަބުން ކުޅުންތެރިންނަށް ދިމާވެފައިވާ ތަމްރީނުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އިންފަންޓީނޯ ވަނީ ފީފާގެ ފަރާތުން ބޮޑެތި އެހީތަކެއް ދޭނެކަމަށް ވައުދުވެފައެވެ. މިގޮތުން ވޯލްޑް ކަޕުގެ ކުރިން ތުރުކީގައި ހާއްސަ ޓްރޭނިން ކޭމްޕެއް ބޭއްވުމުގެ ފުރުސަތުވެސް ވަނީ ފަހިވެފައެވެ. ތުރުކީގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ކޮސްޓަރިކާ އަތުން 5-0 އިން އީރާނު މޮޅުވިއިރު، އެ މެޗު ބަލާލުމަށް އިންފަންޓީނޯ ވަނީ ދަނޑަށް ގޮސްފައެވެ. ނަމަވެސް، މި މެޗުގައި އީރާނުގެ މަޝްހޫރު ފޯވާޑް ސަރުދާރު އަޒްމޫން ފެނިފައިނުވަނީ، ސިޔާސީ ސަބަބަކާ ހުރެ އޭނާ ބާކީކުރުމަށް ސަރުކާރުން އެންގުމާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. ހަނގުރާމައިގެ ހިޔަނި އެޅިފައިވީ ނަމަވެސް، އެމެރިކާގެ އެރިޒޯނާގައި ހުންނަ އީރާނުގެ ޓްރޭނިން ކޭމްޕުގެ ތައްޔާރީތައް ވަނީ ހަލުވިކަމާއެކު ކުރިއަށް ގޮސްފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބަސްމަގު އެކި ފަހަރު އެކި ގޮތަށް ހުރި ނަމަވެސް، ފީފާ އިން ދަނީ އީރާނުގެ ޓީމަށް އެމެރިކާއަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ނެތްކަން ކަށަވަރުކޮށްދެމުންނެވެ. އީރާނުން ވޯލްޑް ކަޕުގައި ކުޅޭ ފުރަތަމަ މެޗު އޮންނާނީ ޖޫން 15 ގައެވެ. މި މެޗުގައި އީރާނު ނުކުންނާނީ ނިއުޒީލޭންޑާ ދެކޮޅަށެވެ. އެއަށްފަހު ބެލްޖިއަމް އަދި މިސްރާ ދެކޮޅަށްވެސް އީރާނުން އެމެރިކާގެ ދަނޑުތަކުގައި ކުޅޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ