ރާއްޖޭން ލިބެން ހުރި ބޭހުގެ މައުލޫމާތު ބެލޭނެ ގޮތް ހަދަނީ

ރާއްޖޭން ލިބެން ހުރި ބޭސްތައް އޮންލައިންކޮށް ބެލޭނެ ނިޒާމެއް ގާއިމުކުރަމުން އަންނަ ކަމަށް ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ޝާހު ވިދާޅުވީ ރާއްޖޭގައި ހުރި ބޭހާއި އެ ބޭސް ހުރި އަދަދު އަދި ހުރި ތަނެއް އާންމުންނަށް ވެސް އެނގޭނެ ޑިޖިޓަލް ސިސްޓަމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެފަދަ ނިޒާމެއް ތައާރަފުކުރުމުން، ބޭސް ހޯދުމުގައި މިހާރަށް ވުރެ ފަސޭހަވާނެ ކަމަށް ޝާހު ވިދާޅުވި އެވެ.
"އެ ސިސްޓަމް އައީމަ އަޅުގަނޑުމެނަށް އިނގޭނެ ރާއްޖޭގައި ހުރީ ކޮން ބޭހެއްތޯ. ކޮން ކުއަންޓިޓީއެއްގައިތޯ ހުރީ. ކޮން ފާމަސީއެއްގައިތޯ ހުރީ،" ޝާހު ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ މިހާރު ބޭނުންކުރާ ބޭހުގެ ސިސްޓަމުން ރާއްޖޭން ލިބެން ހުރި ބޭހުގެ މައުލޫމާތުތައް ޑޮކްޓަރުންނަށް ވެސް ނުފެންނަ ކަމަށާއި އެއީ ސިސްޓަމަށް ގެންނަންޖެހޭ ބަދަލެއް ކަމަށެވެ.
"އަޅުގަނޑުމެން ކޮލެޓީ ބޭސް އެންޝުއާ ކުރަން އެބަ ޖެހޭ ރާއްޖޭގައި. އެފިކޭޝަސް ބޭސް އެވެއިލަބަލް ކުރުން ދެން ތަފާތު ބަލިތަކަށް ބޭސް ނަގާ ބޭފުޅުންނަށް އެ ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަން އެބަޖެހޭ،" ޝާހު ވިދާޅުވި އެވެ.
އަސާސީ ބޭސް ހޯދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލްސްއިން ދާދިފަހުން ވަނީ ހޮޓްލައިނެއް ވެސް ގާއިމުކޮށްފަ އެވެ. އެގޮތުން، އެ ކުންފުނީގެ ހޮޓްލައިން 1505އިން، 24 ގަޑިއިރު ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ