ޒީ5އާ ގުޅިގެން 'މޮމް ޓޯކްސް'ގެ ނަމުގައި މަންމައިންނަށް ޚާއްސަ ޝޯއެއް ޕަރިނީތީ ހޯސްޓުކުރަނީ
ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްރާ ހޯސްޓުކުރާ ޝޯއެއް ޒީ5ގައި ޕްރީމިއާކުރަން ފަށައިފިއެވެ. "މަމް ޓޯކްސް: މާ ކީ ބާތު - މާ ކޭ ޖަޒުބާތު"ގެ ނަމުގައި ޕްރީމިއާކުރި މި ޝޯ އަކީ ޒަމާނަށް އަންނަ ބަދަލުތަކާ އެކު ކުދިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ވިސްނުން މުހިއްމު ކަންކަމާއި އަލަށް މަންމައިންނަށް ބޭނުންވާ މުހިއްމު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށްފައިވާ ޝޯއެކެވެ. ހަމައެއާއެކު ބަލިވެއިނުމަށްފަހު އަންހެނުންގެ ދިރިއުޅުމަށް އަންނަ ބަދަލުތައް ދެނެގަނެ އެ ބަދަލުތަކާ އެކު ދިރިއުޅުން ކުރިއަށް ގެންދިއުމަށް ބޭނުންކުރާ އުކުޅުތައް ވެސް މި ޝޯގައި ކިޔައިދޭނެއެވެ. ނުވަ އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ޝޯގައި މަޝްހޫރު ފަންނާނުންނާއި ތަޖުރިބާކާރުންނާ އެކު ފުން އަދި ޝައުގުވެރި މަޝްވަރާތަކެއް ކުރެވި މައިންނަށް ބޭނުންވާ ވަރަށް މުހިއްމު މައުލޫމާތުތަކެއް ހިއްސާ ކުރެވޭނެއެވެ. މި ޝޯއިން ފެންނާނެ ފާހަގަކޮށްލެވޭ ފަންނާނުންގެތެރޭ، ވިކްރާންތު މަސީ އާއި ޝީތަލް ތާކޫރު، ނޭހާ ދޫޕިއާ، އިމްރާން ޚާންގެ އިތުރުން ގޯހަރް ޚާން އާއި ޒައިދު ދަރުބާރު ހިމެނެއެވެ. "މަމް ޓޯކްސް"ގެ އެޕިސޯޑެއްގައި ބަތަލާ ޕަރިނީތީ--ފޮޓޯ/އޭއެންއައިނިއުސް ކޮންމެ އެޕިސޯޑެއްގައި ވެސް ކުދިން ބެލެހެއްޓުމާ ގުޅޭގޮތުން އެކި ފަންނާނުންގެ ތަޖުރިބާތައް އާއްމުންނާ ހިއްސާކުރެވޭނެއެވެ. މީގެ ތެރޭގައި ފަންނާނުންގެ އަމިއްލަ ތަޖުރިބާތަކާއި، ކަމާބެހޭ މާހިރުންނާއި ނުފޫޒުގަދަ ފަރާތްތަކުގެ އިރުޝާދުތައް ހިމެނެއެވެ. "މަމް ޓޯކްސް" ބިނާވެފައިވަނީ ގާތް ރަހުމަތްތެރި މާހައުލެއްގައި ކުރެވޭ މަޝްވަރާތަކެއްގެ މައްޗަށެވެ. ޕަރިނީތީ ހޯސްޓެއްގެ ގޮތުގައި ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ މި ޝޯގައި، މައިންނަށް ކޮންމެ ދުވަހަކު ދިމާވާ ގޮންޖެހުންތަކާއި، މައިންގެ އިހުސާސްތަކާއި، އަދި ކުދިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅޭ ވިސްނުންތަކަށް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުވާލާނެއެވެ. މަޖާ ކަންތައްތަކާއި އަމަލީ ގޮތުން ބޭނުން ކުރެވޭނެ މުހިންމު ނަސޭހަތްތަކާ އެކު، މިއީ މިފަދަ ތަޖުރިބާތައް ކުރަމުންދާ އާއިލާތަކަށް ވަރަށް ބޮޑަށް ގުޅޭނެ ޝޯއެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ. މި ޝޯ ހުށަހަޅައިދިނުމާ ގުޅޭގޮތުން ވާހަކަދައްކަމުން ޕަރިނީތީ ބުނީ، ކުދިން ބެލެހެއްޓުމުގައި ކޮންމެ މީހެއްގެ އަމިއްލަ ނިންމުންތަކަށް އިހުތިރާމްކުރުން މުހިންމު ކަމަށެވެ. އެގޮތުން ތަޖުރިބާކާރުން ދޭ ނަސޭހަތް އަޑު އެހުމަށްފަހު އެމީހެއްގެ ދަރިފުޅުގެ ކަންކަން ނިންމުމުގެ އިހުތިޔާރު ކޮންމެ މަންމައަކަށް ވެސް އޮންނަންވާނެ ކަމަށް ޕަރިނީތީ ވަނީ ބުނެފައެވެ. ޒީ5އިން ޕްރީމިއާކުރި މި ޝޯ މެދުވެރިކޮށް މައިންނަށް އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، މުޖުތަމައުގެ ނުވަތަ އާއިލާގެ ފިއްތުންތަކުން އެއްކިބާވެ، އަމިއްލަ ގޮތުގައި ކުރިއަށް ދިއުމަށް ހިތްވަރު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ޕަރިނީތީ ވަނީ ބުނެފައެވެ. ފިލްމު "އަމަރު ސިންގް ޗަމްކީލާ"އިން އެންމެފަހުން ފެނުނު ބަތަލާ ކައިވެންޏަށްފަހު ފިލްމީ މަސައްކަތްތަކާއި ވަރަށް ބޮޑަށް ވަނީ ދުރުވެފައެވެ. ޒީ5ގެ މި ޝޯ އަކީ އަލަތު ދަރިފުޅު ލިބުނުފަހުން ޕަރިނީތީ ބެލުންތެރިންނަށް ފެންނާނެ މިފަދަ ފުރަތަމަ މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ