އެމެރިކާ-އީރާނުގެ ހަމަލާތައް 45 ދުވަހަށް ހުއްޓާލަން މެދުވެރިން ފަހު ވަގުތު ބާރުއަޅަނީ

އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެ، ހަނގުރާމައަކަށް ބަދަލުވިޔަ ނުދިނުމަށްޓަކައި 45 ދުވަހުގެ މުއްދަތަކަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ބައިނަލްއަގުވާމީ މެދުވެރިން ފަހު ވަގުތު ބާރުއަޅަމުންދާ ކަމަށް ރިޕޯޓްތައް މިއަދު ބުނެފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ ސުންގަޑި މިރޭ ހަމަވުމުގެ ކުރިން، މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ޕާކިސްތާން، މިސްރު އަދި ތުރުކީން ދަނީ ދެ ފަރާތާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. މިގޮތުން ހުށަހަޅާފައިވަނީ ދެ މަރުހަލާއަކަށް ބެހިގެންވާ ޕްލޭނެކެވެ. މީގެ މައިގަނޑު މަގުސަދަކީ 45 ދުވަހުގެ މުއްދަތަކަށް ހަމަލާ ބަދަލުކުރުން ހުއްޓާލައި، ދާއިމީ ސުލްހައަކަށް މަގުފަހިކުރުމެވެ.
ނަމަވެސް، ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި އެއްބަސްވުމަކަށް އާދެވުމުގެ ފުރުސަތު ކުޑަ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ. ނަމަވެސް، މަޝްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށް އޮތް ހަމައެކަނި ގޮތަކީ މިއީ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ޓްރަމްޕް ވަނީ މިރޭ 8 ޖެހުމާ ހަމައަށް އީރާނަށް ސުންގަޑިއެއް ދެއްވާފަ އެވެ. އަދި އެމެރިކާގެ ޝަރުތުތަކަށް އީރާނުން އެއްބަސްނުވެއްޖެ ނަމަ، އެ ގައުމުގެ މުހިންމު އިންފްރާސްޓްރަކްޗާތަކަށާއި ބްރިޖުތަކަށާއި އިންޖީނުގެތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ވަނީ ދެއްވާފަ އެވެ.
މީގެ ރައްދުގައި އީރާނުން ވެސް ވަނީ އެ ގައުމަށް ހަމަލާއެއް ދީފި ނަމަ، ސަރަހައްދީ ގޮތުން މުހިންމު ތަންތަނަށް ހަމަލާދޭނެ ކަމަށް ބުނެފަ އެވެ.
ހާލަތު މިހެން އޮތް ނަމަވެސް، ޑިޕްލޮމެޓިކް މުއާމަލާތްތައް ދަނީ ކުރިއަށެވެ. އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ސީދާކޮށް މެސެޖުތައް ބަދަލުކުރައްވަމުން ގެންދަވާ ކަމަށްވެ އެވެ. ނަމަވެސް، ގާޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ފަހުން ވެފައިވާ އެއްބަސްވުންތައް ނާކާމިޔާބުވެފައިވާތީ، އީރާނުން މިފަދަ އެއްބަސްވުމަކަށް ދިއުމުގައި ވަނީ ވަރަށް ބޮޑަށް ފަސްޖެހިފަ އެވެ.
މިހާރު ހުށަހަޅާފައިވާ ޕްލޭންގައި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމާއި އީރާނުން ޔުރޭނިއަމް މުއްސަނދިކުރާ މިންވަރު ދަށްކުރުން ހިމެނެ އެވެ. މީގެ އިތުރުން، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ފަހު އަލުން ހަނގުރާމަ ފަށައިނުގަންނާނެ ކަމުގެ ޔަގީންކަން އީރާނުން ބޭނުންވެ އެވެ.
މި މަޝްވަރާތައް ކުރިއަށްދަނީ ހަނގުރާމައެއް ފެށިއްޖެ ނަމަ ކުރިމަތިވެދާނެ އިންސާނީ އަދި އިގްތިސާދީ ގެއްލުންތަކާ މެދު ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުން އިންތިހާއަށް އޮތް ދަނޑިވަޅެއްގަ އެވެ. ހާއްސަކޮށް ފެން ސާފުކުރާ ނިޒާމުތައް ފަދަ މުހިންމު ވަސީލަތްތަކަށް ހަމަލާދީފި ނަމަ، މުޅި ސަރަހައްދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ