އދ. މާމިގިލީ ކައުންސިލުން ފުރަތަމަ ފަހަރަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެޖޯރިޓީ ގެއްލިފައިވާ ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ރަށް ކަމަށްވާ މާމިގިލީ ކައުންސިލުގެ މެޖޯރިޓީ އަބަދު ވެސް އޮންނަނީ އޭނާގެ ޕާޓީ ޖޭޕީ އަށެވެ. އޭނާއަކީ އެ ދާއިރާގެ މަޖިލިސް މެމްބަރު ވެސްމެ އެވެ.
ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، ކައުންސިލާއި އަންހެނުންގެ ކޮމިޓީ ހިމަނައިގެން ވެސް ޖޭޕީއަށް ލިބިފައިވަނީ އެންމެ ހަތަރު ގޮނޑި އެވެ. ދެން ހުރި ގިނަ ގޮނޑިތައް ހޯދާފައިވަނީ ވެރިކަން ކުރާ ޕީއެންސީންނެވެ.
ތަފްސީލް - ވަގުތީ ނަތީޖާ ދައްކާ ގޮތުން:
ޖޭޕީއަށް ލިބުނީ ކައުންސިލްގެ ރައީސްގެ ގޮނޑި އާއި މެމްބަރުކަމުގެ އެއް ގޮނޑި
ކައުންސިލުގެ ބާކީ ތިން ގޮނޑީގެ ތެރެއިން ޕީއެންސީއަށް ދެ ގޮނޑި ލިބުނު؛ ދެން އިން ގޮނޑި ލިބުނީ އެމްޑީޕީއަށް
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ވެސް ޖޭޕީއަށް ލިބުނީ ދެ ގޮނޑި
އަންހެނުންގެ ކޮމިޓީގެ ރައީސްގެ ގޮނޑި ހިމެނޭހެން ބާކީ ތިން ގޮނޑި ލިބުނީ ޕީއެންސީއަށް
ކައުންސިލުގެ ރައީސްގެ ގޮނޑި ޖޭޕީއަށް ލިބުނީ ކުޑަ ތަފާތަކުންނެވެ. އެންމެ ގާތުން ވާދަކުރީ ޕީއެންސީ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ކައުންސިލުގެ މެޖޯރިޓީ ޖޭޕީއަށް ގެއްލުނުއިރު، މިފަހަރުގެ ކައުންސިލް އިންތިހާބު ލޯންޗުކުރަން އެ ޕާޓީން ބޭއްވި ޖަލްސާގައި މާމިގިލި ނޫން އެހެން ހުރިހާ ކައުންސިލަކުން ޕީއެންސީއަށް ތާއީދުކުރުމަށް ގާސިމް އެދިވަޑައިގަތެވެ.
އެ ރޭ ގާސިމް ވަނީ މި ކައުންސިލް އިންތިހާބުގައި އިިދިކޮޅަށް ވޯޓުދީގެން ކުރެވޭނީ ކޮން ކަމެއްތޯ ސުވާލުކުރައްވާފަ އެވެ. އެ އިންތިހާބުގައި ޕީއެންސީއަށް ވޯޓު ނުދިނަސް، ރައީސް މުހައްމަދު މުއިއްޒު ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ވެރިކަމުން ނުބޭލޭނެ ކަމަށާއި އެހެންވީމާ ބޭކާރު ކަމެއް ކުރަނީ ކީއްކުރަންތޯ ވެސް ގާސިމް ސުވާލުކުރެއްވި އެވެ.
ރައްޔިތުންނަށް ކަމެއްކޮށްދެން ބޭނުންވަންޏާ ޕީއެންސީ ކައުންސިލަރުން ހޮވައިގެން ނޫނީ ކުރިއަށް އޮތް ތިން އަހަރު އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ގާސިމް އެ ރޭ ވިދާޅުވި އެވެ.
މާމިގިލީ ކައުންސިލުން ފުރަތަމަ ފަހަރަށް ޖޭޕީގެ މެޖޯރިޓީ ގެއްލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ