އީރާނުގެ މިސައިލަކުން އިސްރާއީލުގެ އެންމެބޮޑު ޑްރޯން ފެކްޓަރީ ސުންނާފަތި ކޮށްލައިފި

އީރާނުން ދިން މިސައިލް ހަމަލާއެއްގައި އިސްރާއީލުގެ ޕެޓާ ޓިކްވާގައި ހުންނަ ޑްރޯން އުފައްދާ އެންމެ ބޮޑު ފެކްޓަރީއަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތަނުގެ އޮޕަރޭޝަންތައް އެއްކޮށް ހުއްޓިއްޖެއެވެ. މިއާއެކު އިސްރާއީލުގެ އަސްކަރީ އުފެއްދުންތަކަށް ބުރޫއަރާނެކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.
އިސްރާއީލުގެ ނޫހެއްކަމަށްވާ 'ވައިނެޓް ނިއުސް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 'އެއަރޯ ސޯލް އޭވިއޭޝަން ސޮލިއުޝަންސް' އިން ހިންގަމުން އައި މި ފެކްޓަރީއަށް ވަނީ އީރާނުން ދިން ހަމަލާތަކެއްގައި ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ކުންފުނީގެ އޮފިޝަލުން ބުނި ގޮތުގައި އިމާރާތް އެއްކޮށް ހަލާކުވެފައިވުމުން އެތަނުގައި ދެން އިތުރަށް މަސައްކަތް ނުކުރެވޭނެއެވެ. އަދި އެތަން އަލުން އާރާސްތުކުރުމަކީ ވެސް ނާދިރު ކަމެކެވެ.
މި ހަމަލާ އެރީ 'ވެލޯރެކްސް' ކިޔާ ކުންފުންޏަކުން ގާތްގަނޑަކަށް 35 މިލިއަން ޝެކެލްއަށް މި ކުންފުނި ގަތްތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ކުންފުނީގެ ސީއީއޯ އިސްރާއީލް ވަސަރލޯފް ބުނީ، އާންމުކޮށް ފެންނަން ހުރި މައުލޫމާތުތަކަށް ބަލައި މިއީ ގަސްތުގައި އަމާޒުކޮށްގެން ދިން ހަމަލާއަކަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް، ބޭރުފުށުން ބަލާއިރު މިއީ އަސްކަރީ ސާމާނު އުފައްދާ ތަނެއްކަން ނޭނގޭނެތީ، އެތެރޭގެ ބަޔަކު މިކަމުގައި ޝާމިލުނުވާކަމަށް އޭނާ ގަބޫލެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ