ހޯރްމޫޒް ކަނޑުއޮޅި ނުހުޅުވައިފިނަމަ އީރާން ”ނަރަކައަކަށް“ ހަދާލާނަން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައަޅާފައިވާ މުހުލަތުގެ ކުރިން ހޯރްމޫޒް ކަނޑުއޮޅި ނުހުޅުވައިފިނަމަ، އީރާނުގެ މަދަނީ އުމްރާނީ ވަސީލަތްތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފިއެވެ.
ޓްރަމްޕް ބުނެފައިވާ ގޮތުގައި އީރާނުގެ ބްރިޖްތަކާއި އިންޖީނުގެތައް ހިމެނޭހެން މުހިންމު ތަންތަނަށް ހަމަލާދީ "ނަރަކައެއްގެ" ތަޖުރިބާ އީރާނަށް ދައްކާލާނެއެވެ.
އާދީއްތަ ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ވަނީ ވަރަށް ހަޑިހުތުރު ބަހުން އީރާނަށް އިންޒާރު ދީފައެވެ. އޭނާ ބުނި ގޮތުގައި އަންގާރަ ދުވަސް ވެގެންދާނީ އީރާނުގެ އިންޖީނުގެތަކާއި ބްރިޖްތައް ސުންނާފަތިކޮށްލާ ދުވަހަކަށެވެ. އަދި އީރާނުން ކަނޑުއޮޅި ވަގުތުން ހުޅުވަންޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުހަނު މުހިންމު މަގަކަށްވާ ހޯރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ޓްރަމްޕް 10 ދުވަހުގެ މުހުލަތެއް ދިނީ މިދިޔަ މާރިޗު މަހުގެ 26 ވަނަ ދުވަހުއެވެ. މި ކަނޑުއޮޅިން ދަތުރުފަތުރު ކުރުން ހުއްޓިފައިވަނީ މިދިޔަ ފެބުރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ.
ޓްރަމްޕްގެ މި އިންޒާރުތަކާ ގުޅިގެން އީރާނުން ވަނީ ވަރުގަދަ ރައްދެއް ދީފައެވެ. އދ. ގައި ހުންނަ އީރާނުގެ މިޝަނުން ބުނި ގޮތުގައި އެމެރިކާގެ ރައީސް ފާޅުގައި އެ އިންޒާރު ދެނީ އާންމު ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ މުހިންމު ވަސީލަތްތައް ހަލާކުކޮށްލުމަށެވެ. އަދި މިއީ ހަނގުރާމައިގެ ކުށެއް ކަމަށާއި، ބައިނަލްއަގުވާމީ މުޖުތަމައުން މިކަން ހުއްޓުވުމަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް އީރާނުން ބުންޏެވެ.
އީރާނުގެ ރައީސްގެ އޮފީހުގެ ޑެޕިއުޓީ ފޯ ކޮމިއުނިކޭޝަންސް ސައްޔިދު މަހްދީ ތަބާތަބާއީ ވިދާޅުވީ، ކަނޑުއޮޅި ހުޅުވާނީ ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ދިނުމުން ކަމަށެވެ. އަދި ޓްރަމްޕް މިފަދަ ހަޑިހުތުރު ބަހުން ވާހަކަދައްކަވަނީ އުންމީދު ކަނޑައިގެން ގޮސްފައިވާތީ ކަމަށް އޭނާ ސިފަކުރެއްވިއެވެ.
އެމެރިކާއިން ބުނަމުންދަނީ އީރާނުން ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް އީރާނުން އެކަން ދޮގުކޮށް ބުނެފައިވަނީ އެގައުމުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދީފިނަމަ ސަރަހައްދީ ފެންވަރުގައި ހަނގުރާމަ އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ