އީރާންގެ އިންޒާރު: ''އެމެރިކާގައި ކުޅޭނަމަ ވޯލްޑް ކަޕްގައި ބައިވެރިއެއް ނުވާނަން''

އަންނަ ޖޫން މަހު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި އީރާނުން ކުޅެންޖެހޭ މެޗުތައް އެމެރިކާއިން މެކްސިކޯއަށް ބަދަލު ނުކޮށްފިނަމަ، މުބާރާތުގައި ބައިވެރިވުން ސުވާލު މާކެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް އީރާންގެ ކުޅިވަރާ ބެހޭ ވަޒީރު އަޙުމަދު ދުންޔާމާލީ ވިދާޅުވެއްޖެއެވެ. އިއްޔެ ތުރުކީގެ އަނަޑޯލޫ ނިއުސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ދުންޔާމާލީ ވިދާޅުވީ، އީރާންގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރުވެސް މެޗުތައް ބަދަލުކުރުމަށް އެދި ފީފާއަށް ހުށަހަޅާފައިވާ ކަމަށެވެ. "އަޅުގަނޑުމެންގެ މި ހުށަހެޅުން ފީފާއިން ގަބޫލުކޮށްފިނަމަ، ވޯލްޑް ކަޕްގައި އީރާން ބައިވެރިވާނެކަން ޔަގީންވާނެ،" އޭނާ ވިދާޅުވިއެވެ. ​މި މައްސަލަ ހޫނުވެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މުޅި މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އީރާނުން ބުނާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކުން، އީރާންގެ ކުޅުންތެރިންނަށް އެމެރިކާގައި ރައްކާތެރިކަން އޮތް ކަމަށް ގަބޫލެއް ނުކުރެވެއެވެ. ​ޓްރަމްޕް މީގެކުރިން ވިދާޅުވެފައިވަނީ އީރާނަށް އެމެރިކާއަށް އައުމުގެ ފުރުސަތު އޮތް ނަމަވެސް، އެމީހުންގެ އަމިއްލަ ފުރާނައާއި ސަލާމަތަށްޓަކައި އެ ގައުމުގައި ތިބުމަކީ އެންމެ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. މި ވާހަކަތަކަށް ރައްދު ދެމުން އީރާންގެ ފުޓްބޯޅަ އިދާރާގެ ރައީސް މަހުދީ ތާޖު ވިދާޅުވީ، ކުޅުންތެރިންގެ ސަލާމަތްތެރިކަން ކަށަވަރު ނުކޮށްދެވޭނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވުމުން، އެ ގައުމަށް ދަތުރުނުކުރާނެ ކަމަށެވެ. ​ނަމަވެސް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އީރާންގެ ހުށަހެޅުން ބޭރުކޮށްލާފައެވެ. އޭނާ ވިދާޅުވީ ހުރިހާ މެޗެއްވެސް ކުރިއަށްދާނީ ކުރިންވެސް ތާވަލުކުރެވިފައިވާ ގޮތަށް ކަމަށެވެ. އީރާން ހިމެނޭ ގްރޫޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ލޮސް އެންޖެލިސް އާއި ސިއެޓްލްގައެވެ. ​އީރާނަކީ އޭޝިއާ ބައްރުން މި ފަހަރުގެ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވި ގައުމެވެ. ސަލާމަތީ ކަންކަމާ މެދު ސުވާލު އުފެދިފައިވީ ނަމަވެސް، އީރާންގެ ޓީމުން މުބާރާތަށް ތައްޔާރުވަމުންދާ ކަމަށާއި، ފަހުގެ ނިންމުން ނިންމާނީ ސަރުކާރުން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ