އީރާން ހަނގުރާމަ 45 ދުވަހަށް މެދުކަނޑާލުުމުގެ އެއްބަސްވުމެއް ހަދަނީ: ރިޕޯޓު

ސާޅީސް ފަސް ދުވަހަށް ހަނގުރާމަ މެދުކަނޑާލުމާބެހޭ މަޝްވަރާތައް, އެެމެރިކާއާއި އީރާނުން ކުރަމުންދާ ކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ، އެކްސިއޯސް އިން ރިޕޯޓުކޮށްފިއެވެ. މައުލޫމާތު އެނގޭ ދެ މަސްދަރަކާ ހަވާލާދީ އެކްސިއޯސް އިން ބުނީ ޕާކިސްތާނާއި މިސްރު އަދި ތުރުކީގެ މެދުވެރިން މެދުވެރިކޮށް މަޝްވަރާތައް ކުރިއަށްދާއިރު، އެމެރިކާގެ ހާއްސަ މަންދޫބު، ސްޓީވް ވިޓްކޯފް އާއި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއާ ދެމެދު ޓެކްސްޓް މެސެޖުތަކެއް މެދުވެރިކޮށް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އެކްސިއޯސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މެދުވެރިން ދަނީ ދެ ފިޔަވަހީގެ އެއްބަސްވުމަކާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންނެވެ. ފުރަތަމަ މަރުހަލާގައި 45 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލައި، އެ މުއްދަތުގައި ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނައުމަށް މަޝްވަރާތައް ކުރާނެއެވެ. މަޝްވަރާތަކަށް އިތުރު ވަގުތު ބޭނުންވެއްޖެނަމަ، ފުރަތަމަ މަރުހަލާގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ. އީރާނުން ކޮންޓްރޯލު ނަގާފައި އޮތް ހުރްމޮޒް ކަނޑުއޮޅި އަލުން ހުޅުވައި، އީރާނުގެ ޔުރޭނިއަމް މުއްސަނދި ކުރުމުގެ މައްސަލައަށް ހައްލު ލިބޭނީ ފައިނަލް ދާއިމީ އެއްބަސްވުމެއް އެކުލަވާލައިގެން ކަމަށް މެދުވެރިން ދެކޭ ކަމަށް މަސްދަރުތަކުން ބުނެއެވެ. މެދުވެރިން މިހާރު މަސައްކަތް ކުރަމުންދަނީ ކަނޑުއޮޅި އާއި ޔޫރޭނިއަމް ސްޓޮކް އަލުން ހުޅުވުމާ ގުޅޭ ގޮތުން އިތުބާރު ހޯދުމަށް އީރާނަށް އެޅޭނެ ފިޔަވަޅުތަކާމެދު ކަމަށްވެސް އެކްސިއޯސްއިން ބުނެއެވެ. އަދި އީރާނުގެ ބައެއް ޑިމާންޑްތަކަށް ހައްލެއް ހޯދުމަށް އެމެރިކާއިން އަޅާނެ ފިޔަވަޅުތަކާމެދުވެސް މަޝްވަރާތައް ކުރާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ. މަޝްވަރާތަކުގައި ޣައްޒާއާއި ލުބުނާނުގެ ހާލަތަށް ދާން ބޭނުން ނުވާ ކަމަށް އީރާނުން ވަނީ ބުނެފައެވެ. ޣައްޒާ އަދި ލުބުނާނަށްވެސް ހަމަލާ ނުދޭނެ ކަމަށް ބުނެ އެއްބަސްވުންތައް އެކުލަވާލި ނަމަވެސް، މެދުކެނޑުމެއްނެތި އިސްރާއީލުން އަންނަނީ ހަމަލާތައް ދެމުންނެވެ. އެއްބަސްވުމަކަށް ދިއުމުގެ ފުރުސަތު ކުޑަ ނަމަވެސް ހަނގުރާމަ ފުޅާވަމުން އަންނައިރު، އެއްބަސްވުމަކަށް ދިއުމަށް އޮތް ކުޑަ ނަމަވެސް ފުރުސަތަކީ އެއްބަސްވުމެއް އެކުލަވާލުން ކުރާ މި މަޝްވަރާތައް ކަމުގައި މަސްދަރުތަކާ ހަވާލާދީ އެކްސިއޯސިް އިން ރިޕޯޓުކޮށްފައިވެއެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުމަށް 15 ނުކުތާގެ ހުށަހެޅުމެއް އެމެރިކާއިން ވަނީ އީރާނަށް ހުށަހަޅާފައެވެ. ނަމަވެސް އީރާނުން ވަނީ އެ ހުށަހެޅުމާ ދެކޮޅު ހަދާފައެވެ. އެއްބަސްވުމެއް ނެތަސް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހަނގުރާމަ ނިންމާލާނެ ކަމަށް އޭގެފަހުން، މި މަހުގެ އެއް ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ "ފިނިޝް ލައިން" ވަރަށް އަވަހަށް އަންނާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯވެސް ވަނީ ވިދާޅުވެފައެވެ. ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އީރާނުގެ 2000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެތެރޭގައި އީރާނުގެ ކުރީގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީވެސް ހިމެނިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ