ބަންގްލަދޭޝްގައި ހިމަބިހި ފެތުރި 100 އާ ގާތްކުރާ އަދަދަކަށް ކުޑަކުދިން މަރުވެއްޖެ
ބަންގްލަދޭޝްގައި ހިމަބިހި ފެތުރި، ފާއިތުވި ތިން ހަފުތާގެ ތެރޭގައި 98 ކުޑަކުދިން މަރުވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން މިއަދު ހާމަކޮށްފިއެވެ. މިއާއެކު، އެންމެ ބޮޑަށް ބަލި ފެތުރިފައިވާ ސަރަހައްދުތަކުގައި ވެކްސިން ދިނުމުގެ މަސައްކަތް ވަނީ ހަލުވިކޮށްފައެވެ. ބަންގްލަދޭޝްގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ހަ މަހާއި ފަސް އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ހިމަބިހީގެ އަލާމާތްތައް ފެނިފައިވާ ކުދިންގެ އަދަދު ވަނީ 6،476 އަށް އަރާފައެވެ. މީގެ ތެރެއިން 826 ކޭސް ކަށަވަރުކުރެވިފައިވާއިރު، 16 ކުދިން މަރުވެފައިވާކަން ވަނީ ޔަގީންކުރެވިފައެވެ. ނަމަވެސް، ގިނަ ކުދިން ޓެސްޓު ނުކުރެވޭތީއާއި ޓެސްޓުކުރުމުގެ ކުރިން މަރުވާތީ، އަސްލު އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. މި ހާލަތާ ގުޅިގެން، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤު ރަޙްމާން ވަނީ ކަންކަން ގާތުން ބައްލަވައި، އެހީތެރިކަން ފޯރުކޮށްދިނުން ވިލަރެސްކުރެއްވުމަށް ދެ ވަޒީރަކު ގައުމުގެ އެކި ކަންކޮޅުތަކަށް ފޮނުއްވާފައެވެ. ކޮމިއުނިކޭބަލް ޑިޒީޒް ކޮންޓްރޯލްގެ ޑިރެކްޓަރު ހަލީމުރް ރަޝީދު ވިދާޅުވި ގޮތުގައި، ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ބަލިޖެހޭ ކުދިންނާއި މަރުވާ ކުދިންގެ އަދަދު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި މިއީ ވެކްސިން މަދުވުން ފަދަ ގިނަ ސަބަބުތަކަކާ ގުޅިގެން ދިމާވެފައިވާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ބަންގްލަދޭޝްގެ ހެލްތު މިނިސްޓަރު ސަރްދާރު ޝަޚާވަތު ޙުސައިން ބަކުލް ވިދާޅުވީ، އެންމެ ބޮޑަށް އަސަރުކޮށްފައިވާ 30 ސަރަހައްދެއް ފާހަގަކޮށް، އެ ތަންތަނުގައި ވެކްސިން ދިނުމުގެ ޚާއްސަ ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ. އަދި ފަހުން އެހެން ސަރަހައްދުތަކަށް ވެސް މި ޕްރޮގްރާމް ފުޅާކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނާގޮތުގައި ހިމަބިއްސަކީ ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ފެތުރޭ އެއް ބައްޔެވެ. ބަންގްލަދޭޝްގައި 2024 ވަނަ އަހަރުގެ ޖޫން މަހު ހިންގަން އޮތް ވެކްސިން ކެމްޕޭނެއް ވަނީ، އޭރު އޮތް ޝައިޚް ޙަސީނާގެ ސަރުކާރު ވެއްޓުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކާ ހެދި ލަސްވެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، 2025 ވަނަ އަހަރުގެ ނިޔަލަށް ހިމަބިހި ނައްތާލުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުނުވެވުނު ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެއްބަސްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ