މެންބަރު ތޯރިގުގެ ނުފޫޒުގަދަ މަހިބަދޫ ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަކަށް ނުލިބުނު

މިދިޔަ ތިން މަޖިލިސް އިންތިހާބުގައި ވެސް މަހިބަދޫ ދާއިރާ ކާމިޔާބުކުރެއްވި، ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ އަހުމަދު ތޯރިގުގެ ނުފޫޒު އަބަދު ވެސް ގަދަކޮށް ފެނުނު މަހިބަދޫ ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށް މި ފަހަރު ނުލިބި ހިނގައްޖެ އެވެ.
ވީކިހިނެއް؟ - މި ފަހުން ބޭއްވި އިންތިހާބުތަކުގައި ޕީޕީއެމް-ޕީއެންސީން ބޮޑު ތަނުން ކުރި ހޯދާ މަހިބަދުއަށް މި ފަހަރުގެ ކައުންސިލް އިންތިހާބަށް ގިނަ ގޮނޑިތަކަށް އިދިކޮޅު އެމްޑީޕީން ވާދައެއް ވެސް ނުކުރެ އެވެ.
އެކަމަކު ވެސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަކަށް ނުލިބެ އެވެ. އެގޮތުން:
ޕީއެންސީއަށް ލިބުނީ ދެ ގޮނޑި؛ އެއީ ކައުންސިލްގެ ދެ ގޮނޑި
އެމްޑީޕީއަށް ވެސް ދެ ގޮނޑި ލިބުނު؛ އެއީ ކައުންސިލްގެ ރައީސްގެ ގޮނޑި އަދި ކައުންސިލްގެ ގޮނޑިއެއް
ބާކީ އިން ގޮނޑި ކާމިޔާބުކުރީ އަމިއްލަ ކެންޑިޑޭޓެއް
ތަފްސީލް - މަހިބަދޫ ކައުންސިލްގެ ރައީސްގެ ގޮނޑިއަށް މައި ދެ ޕާޓީން ވެސް ކުރިމަތިލި އެވެ. ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީންނެވެ. އެ ގޮނޑީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން:
މޫސާ މުހައްމަދު (އެމްޑީޕީ) - 813 ވޯޓު، %57
ރަޝާދު އަލީ (ޕީއެންސީ) - 609 ވޯޓު، %43
އަންހެނުންނަށް ކައުންސިލްގައި ހާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލީ ޕީއެންސީގެ ދެ ކެންޑިޑޭޓުންނާއި އެމްޑީޕީގެ އެންމެ ކެންޑިޑޭޓެކެވެ. އެމްޑީޕީގެ އެންމެ ކެންޑިޑޭޓެއް ކުރިމަތިލައިގެން އިން އެއް ގޮނޑި ޕީއެންސީން ކާމިޔާބުކުރި އެވެ. އެގޮތުން:
ޒައީމާ މުހައްމަދު (އެމްޑީޕީ) - 818 ވޯޓު
ޝައުފާ އާދަމް (ޕީއެންސީ) - 619 ވޯޓު
މުނީފާ އާދަމް (ޕީއެންސީ) - 899 ވޯޓު
މަހިބަދޫގައި ވާދަވެރިކަން ބޮޑުކޮށް ދިޔައީ ކައުންސިލްގެ ބާކީ ދެ ގޮނޑިއަށެވެ. އެ ދެ ގޮނޑިއަށް ހަ ކެންޑިޑޭޓުން ވާދަކުރި އެވެ. އެއީ ޕީއެންސީގެ ދެ ކެންޑިޑޭޓުން، އެމްޑީޕީގެ ދެ ކެންޑިޑޭޓުން އަދި އަމިއްލަ ދެ ކެންޑިޑޭޓެކެވެ. ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެންޑިޑޭޓަކާއި އަމިއްލަ ކެންޑިޑޭޓެކެވެ. އެގޮތުން:
އިބްރާހީމް ޝާތިރު (ޕީއެންސީ) - 433 ވޯޓު
މުހައްމަދު މައުމޫން (ޕީއެންސީ) - 642 ވޯޓު
އިބްރާހީމް އަރުޝަމް (އެމްޑީޕީ) - 283 ވޯޓު
އިބްރާހީމް ވަސީފް އާދަމް (އެމްޑީޕީ) - 397 ވޯޓު
މުހައްމަދު އިރުޝާދު (އަމިއްލަ) - 233 ވޯޓު
ބުންޔާމީން ހަސަން (އަމިއްލަ) - 482 ވޯޓު
ވަގުތީ ނަތީޖާ ދައްކާ ގޮތުން، މަހިބަދޫގެ ފަސް ގޮނޑީގެ ތެރެއިން ޕީއެންސީއަށް ލިބެނީ ދެ ގޮނޑި އެވެ. އިދިކޮޅު އެމްޑީޕީއަށް ކައުންސިލްގެ ރައީސްގެ ގޮނޑި ހިމެނޭހެން ދެ ގޮނޑި ލިބެ އެވެ. ދެން ހިމެނެނީ އަމިއްލަ ކެންޑިޑޭޓަކު ކާމިޔާބުކުރާ ގޮނޑިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ