ކައުންސިލް އިންތިހާބު: ގާސިމްގެ ދާއިރާއިން ޖޭޕީއަށް ލިބުނީ އެންމެ ގޮނޑިއެއް!

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ދާއިރާ އިން ޖޭޕީއަށް ލިބުނީ އެންމެ ގޮނޑިއެކެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ވެބްސައިޓުން ލިބެންހުރި ނަތީޖާއަށް ބަލާއިރު, މާމިގިލި ދާއިރާގައި ހިމެނޭ މާމިގިއްޔާއި ފެންފުށިން ޖޭޕީއަށް ކާމިޔާބު ކުރެވުނީ މާމިގިލީ ކައުންސިލުގެ ރައީސްގެ ގޮނޑި އެކަންޏެވެ. ހަ ކެންޑިޑޭޓުން ވާދަކުރި އެ ގޮނޑި ކާމިޔާބު ކުރީ ޖޭޕީގެ އިމާދު ފާރޫގެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރީ ވެރިކަން ހިންގާ ޕާޓީ, ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ނިޝާނެވެ. ދެ މީހުންގެ ދެމެދު އޮތީ 27 ވޯޓުގެ ތަފާތެކެވެ.
މާމިގިލީ ކައުންސިލުގެ އަނެއް ދެ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީންނެވެ. އެގޮތުން ކައުންސިލުގެ އަންހެނުންނަށް ހާއްސަ ގޮނޑި އަޒްލީނާ އިބްރާހިމް ކާމިޔާބު ކުރި އިރު, ކައުންސިލް މެންބަރުގެ ގޮނޑި ކާމިޔާބު ކުރީ އަލީ ނިހާލް އެވެ.
ރައްޔިތުންގެ މަޖިލީހުގައި ގާސިމް ތަމްސީލުކުރާ މާމިގިލީ ދާއިރާގައި ދެން ހިމެނޭ ފެންފުށިން އެންމެ ގޮނޑިއެއްވެސް ޖޭޕީއަށް ލިބިފައެއް ނުވެ އެވެ. އެ ރަށު ކައުންސިލުގެ ތިން ގޮނޑިވެސް ކާމިޔާބު ކުރީ އަމިއްލަ ގޮތުން ވާދަކުރި ތިން ކެންޑިޑޭޓުންނެވެ.
އެގޮތުން ފެންފުށީ ކައުންސިލުގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ އަހުމަދު މުހައްމަދެވެ. އަންހެނުންނަށް ހާއްސަ ގޮނޑި މޫމިނާ އިބްރާހިމް ކާމިޔާބު ކުރި އިރު, ކައުންސިލް މެންބަރުގެ ގޮނޑި ކާމިޔާބުކުރީ މުހައްމަދު އިބްރާހީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ