ތެޔޮ އެކްސްޕޯޓްކުރާ ގައުމުތަކުގެ ޖަމިއްޔާ، އޯޕެކް އަދި އެ ޖަމިއްޔާއާ ގުޅިފައިވާ ގައުމުތައް ހިމެނޭ އޯޕެކް ޕްލަސް އިން ކުރިއަށް އޮތް މޭ މަހުން ފެށިގެން ދުވާލަކު 206,000 ފީފާ ތެޔޮ އިތުރަށް އުފެއްދުމަށް އިއްޔެ އެއްބަސްވެއްޖެ އެވެ.
ނަމަވެސް، އީރާނުގެ ހަމަނުޖެހުންތަކާ ގުޅިގެން ތެޔޮ ފޯރުކޮށްދިނުމަށް ދިމާވެފައިވާ ހުރަސްތަކުގެ ސަބަބުން، މި ނިންމުމުގެ ސަބަބުން ބާޒާރަށް ކުރާނެ އަސަރު ކުޑަވާނެ ކަމަށް ބެލެވެ އެވެ.
ސައުދީ އަރަބިއްޔާ، ރަޝިޔާ، އިރާގު އަދި ޔޫއޭއީ ހިމެނޭހެން އޯޕެކް ޕްލަސްގެ އަށް މެންބަރު ގައުމަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބާޒާރުގެ ހާލަތު ވަރަށް ގާތުން ބަލައި ދިރާސާކުރަމުންދާނެ ކަމަށާއި ބާޒާރުގެ ހަމަޖެހުން ގާއިމުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ތެޔޮ އުފައްދާ މިންވަރު އިތުރުކުރަން މި ނިންމީ، ހޮރްމޫޒް ކަނޑުއޮޅި ބަންދުވެފައި އޮތުމުގެ ސަބަބުން ތެޔޮ އެކްސްޕޯޓް ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ސަޕްލައިކުރާ ތެލުގެ ތެރެއިން ދުވާލަކު 12 މިލިއަނާއި 15 މިލިއަނާ ދެމެދުގެ އަދަދެއް ވަނީ މަދުވެފަ އެވެ. އެހެންކަމުން، އަލަށް އިތުރުކުރަން ނިންމި މިންވަރަކީ ބާޒާރުން މަދުވެފައިވާ ތެލުގެ ނިސްބަތުން 2 އިންސައްތައަށް ވުރެ ވެސް ކުޑަ މިންވަރެކެވެ.
ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށްދޭ ހަމަލާތަކާ މެދު އޯޕެކް ޕްލަސްގެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ހަލާކުވެފައިވާ ވަސީލަތްތައް މަރާމާތުކޮށް އަލުން ހިދުމަތަށް ގެނައުމަކީ ބޮޑު ހަރަދެއް ހިނގާ އަދި ގިނަ ދުވަސް ނަގާނެ ކަމެއް ކަމަށްވުމުން، މުޅި ސަޕްލައިއަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަން އެ ގައުމުތަކުން ފާހަގަކުރި އެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު ވަނީ ފާއިތުވި ހަތަރު އަހަރު ތެރޭގައި މައްޗަށް ނުދާ މިންވަރަށް އުފުލިފަ އެވެ. މިހާރު ފީފާއެއްގެ އަގު ގާތްގަނޑަކަށް 120 ޑޮލަރަށް އަރާފައިވާއިރު، މި ހާލަތު ދެމިއޮވެއްޖެ ނަމަ އަގު 150 ޑޮލަރަށް ވުރެ މައްޗަށް އަރާފާނެ ކަމަށް ލަފާކުރެވެ އެވެ. ތެލުގެ އަގަށް އައި މި ބަދަލާ އެކު ދުނިޔޭގެ ބާޒާރުގައި އާންމުކޮށް ތެލުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފަ އެވެ.
ކޯޓާ އިތުރުކުރުމަށް ނިންމި ނިންމުމަކީ، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމާ އެކު ތެޔޮ އުފައްދާ މިންވަރު އިތުރަށް މަތިކުރުމަށް ތައްޔާރަށް ތިބިކަމުގެ އިޝާރާތެކެވެ. ހަމަ އެއާ އެކު، އެ ސަރަހައްދުން ރައްކާތެރިކަމާ އެކު ދަތުރުފަތުރު ކުރެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރަހައްދީ ފެންވަރުގައި ޑިޕްލޮމެޓިކް މަޝްވަރާތައް ދަނީ ކުރެވެމުންނެވެ.
މި ހުރިހާ ކަމެއް މިހެން ހުރިއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހާލަތު އިތުރަށް ގޯސްވެދާނެކަމުގެ އިންޒާރު ދެއްވާފަ އެވެ. އެގޮތުން، މިއަދު ކަނޑުއޮޅި އަލުން ނުހުޅުވައިފި ނަމަ އީރާނުގެ އިންފްރާސްޓްރަކްޗާތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފަ އެވެ.
އޯޕެކުން ތެޔޮ އުފައްދާ މިންވަރު އިތުރުކުރަނީ؛ 'އަގުތައް ހަމައަށް އެޅުން ލަސްވެދާނެ'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ