ވައިޓް ހައުސް ކައިރިން ބަޑީގެ އަޑު އިވިގެން މައްސަލަ ބަލަނީ
ވައިޓް ހައުސް ކައިރިން ރޭ ދަންވަރުގެ ވަގުތެެއްގައި ބަޑީގެ އަޑުއިވިގެން ސީކްރެޓް ސާވިސް އިން އެ މައްސަލަ ތަހުުގީގު ކުރަން ފަށައިފިއެވެ. ވޮޝިންޓަން ޑީސީގެ ލަފަޔޭޓް ޕާކް ވަށައިގެންވާ ސަރަހައްދުގައި ރޭ ދަންވަރު ބަޑީގެ އަޑު އިވުމުން އެމެރިކާގެ ރައީސްގެ ގެކޮޅު، ވައިޓް ހައުސްގެ އުތުރުން އޮންނަ ޕާކާއި ވަށައިގެންވާ ސަރަހައްދު ބަލައިފާސްކޮށްފައިވާ އެ އިދާރާއިން ބުނެއެވެ. ނަމަވެސް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ތަހުގީގު ކުރުމަށް އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދުކުރި ނަމަވެސް ފަހުން އެ މަގުތައް އަލުން ހުޅުވާފައިވާ ކަމަށް ސީކްރެޓް ސާވިސްގެ ތަރުޖަމާނު އެންތޮނީ ގުގްލިއެލްމީ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ހަފްތާ ބަންދުގައި އާންމުކޮށް ފްލޮރިޑާގައި ވަގުތު ހޭދަކުރައްވާ ނަމަވެސް، މިދިޔަ ހަފްތާ ބަންދުގައި ހުންނެވީ ވޮޝިންޓަން ޑީސީގައެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ސްޓީވަން ޗެއުންގް ވިދާޅުވީ ޓްރަމްޕް މި ހަފްތާ ބަންދުގައި ހުންނެވީ ވޮޝިންޓަން ޑީސީގައި ވަރަށް ބުރަކޮށް މަސައްކަތްކުރެއްވުމަށެވެ. އަދި ހަފްތާ ބަންދުގައި ވައިޓް ހައުސްގައި ރޭގަނޑުގެ ކެއުމެއް ބާއްވަންވެސް ހަމަޖެހިފައިވާ ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ. މީގެ ދެ އަހަރު ކުރިން 2024 ވަނަ އަހަރު ކެމްޕޭން ރެލީއެއްގައި ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށް ޓްރަމްޕަށް ވަނީ ބަޑީގެ ހަމަލާއެއްވެސް އަމާޒުވެފައެވެ. އެ ހަމަލާ ދިން ވަގުތު ސީކްރެޓް ސާވިސްއިން ވަނީ ހަމަލާ ދިން މީހާ މަރައިލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ