ފޭސްބުކް މެދުވެރިކޮށް ހިންގާ "ރިޕެއާ" ސްކޭމަކަށް ސަމާލުވުމަށް ފުލުހުން އެދިއްޖެ

ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ އައު ސްކޭމަކަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.
ފޭސްބުކް މެދުވެރިކޮށް، އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ޚާއްސަކޮށް ފޭސްބުކް އިން ތައްޔާރުކޮށްފައިވާ މާކެޓް ޕްލޭސް އަކީ ގިނަ އަދަދެއްގެ ދިވެހިން މުދާ ވިއްކުމަށާއި އަދި ގަތުމަށް ބޭނުންކުރާ ޕްލެޓްފޯމެކެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ރޭ ނެރުނު އިންޒާރުގެ މެސެޖެއްގައި ފުލުހުން ބުނެފައިވަނީ، މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން މާކެޓްޕްލޭސްގައި މުދާ ވިއްކާ ފަރާތްތަކަށް އޮޅުވާލައިގެން ފައިސާ ހޯދުމަށް އާ އުކުޅެއް ބޭނުންކުރަމުންދާ ކަމަށް ބުނެފައިއެވެ.
މި އާ ސްކޭމް ހިންގާ ގޮތުގެ ތަފްސީލު ދެމުން އެންޓި ސްކޭމް ސެންޓަރުން ބުނެފައިވަނީ، ސްކޭމަރުން އެންމެ ފުރަތަމަ އަމާޒުކުރަނީ ފޭސްބުކް މާކެޓްޕްލޭސްގައި ވިއްކާލެވިފައިވާ ކަމަށް ޖަހާފައިވާ ތަކެއްޗަށްކަމަށެވެ. އެއަށްފަހު، އެ މުދަލެއް ވިއްކި ފަރާތަށް ގުޅައި ނުވަތަ މެސެޖުކޮށް، އެ މުދަލަކީ އެ މީހުން މަރާމާތުކުރި އެއްޗެއް ކަމަށް ބުނެ އޮޅުވާލައިގެން އިތުބާރު ހޯދާކަމަށާއި، މިގޮތަށް އިތުބާރު ހޯދުމަށްފަހު، މުދާ މަރާމާތުކޮށް ނިންމާފައިވާ ކަމަށް ބުނެ، އެކަމުގެ އުޖޫރަ ނުވަތަ ރިޕެއާ ފީ ދެއްކުމަށް ސްކޭމަރުން އެދޭކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ބައެއް ފަހަރު މީހުންނަށް އޮޅުވާލުމަށްޓަކައި ފޭކް ރިސިޕްޓް ނުވަތަ އިންވޮއިސް ވެސް ތައްޔާރުކޮށްގެން ފޮނުވާކަން ފުލުހުންގެ ތަހުގީގުތަކަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ