450 ފްލެޓް އަތުލައި، މައްސަލަ ފާހަގަވާ ގޯތިވެސް އަތުލަނީ 450 ފްލެޓް އަތުލައި، މައްސަލަ ފާހަގަވާ ގޯތިވެސް އަތުލަނީ

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ދޫކުރި 4،000 ފްލެޓްގެ ތެރެއިން، މިހާތަނަށް މައްސަލަ ފާހަގަވި 450 ފްލެޓެއް އަތުލާފައިވާ ކަމަށާއި، މައްސަލަ ހުރި ގޯތިތައް ވެސް އަތުލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ، ބައެއް ފްލެޓްތައް ދީފައިވަނީ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމަށް ރިވިއު ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. އަދި ފްލެޓް އަތުލުމުގެ ކުރިން، އެ ފަރާތްތަކަށް ސަބަބު ބަޔާންކޮށް އަންގައި، ޖަވާބުދާރީވުމުގެ ފުރުސަތު ދެމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ހަނދާންވަނީ ގާތްގަނޑަކަށް 450 އެއްހާ ފްލެޓް މިހާތަނަށް ކެންސަލް ކުރެވިފައިވާ ކަމަށް. ނަންބަރުތައް އިތުރަށް ޔަގީންކޮށްލުމަށްފަހު ހާމަކުރާނަން. މިވަގުތު ވެސް ރިވިއު މަރުހަލާގައި ބައެއް ކޭސްތައް އެބަހުރި. އެއްވެސް ފަރާތެއްގެ އެއްޗެއް ކެންސަލް ކުރަނީ އެ ފަރާތަށް ފުރުސަތު ދީ، މުއާމަލާތްތަކެއް ހިންގުމަށްފަހު،" މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ 'ބިންވެރިޔާ' ސްކީމްގެ ދަށުން އެއްބަސްވުންތަކެއް ހަދައި ރަޖިސްޓްރީ ދީފައިވާ ބައެއް މައްސަލަތައް ފުލުހުން ބަލަމުންދާ ކަމަށެވެ. އެގޮތުން މައްސަލައެއް ފާހަގަވާ ގޯތިތައް ހަވާލުނުކޮށް މިވަގުތު ހިފަހައްޓަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސްކީމްގެ ތެރެއިންނާއި ސްކީމުން ބޭރުން ވެސް ބައެއް ރަޖިސްޓްރީތައް ދީފައި އެބަހުރި. އެހެންވެ، ބައެއް ކްރިމިނަލް ކޭސްތައް ވެސް އެބަ ކުރިއަށްދޭ. ރަޖިސްޓްރީ ހަދާފައި އޮތް ނަމަވެސް، މިވަގުތަށް ކުރެވެން އޮތް ކަމަކީ އެ ތަންތަން ހަވާލުކުރުން ހުއްޓުވުން،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން، 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރުމުގެ ހުއްދަ އެޗްޑީސީން ދިނުމުގެ ކުރިން މިނިސްޓްރީއަށް އެންގުމަށް އަންގާފައިވާ ކަމަށާއި، މައްސަލައެއް އުޅޭނަމަ އިމާރާތް ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.
ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވައުދުވެވަޑައިގެންފައިވަނީ ކުރީ ސަރުކާރުން ފްލެޓާއި ގޯތި ދީފައިވާ ގޮތަށް އެ ތަންތަން ހަވާލުކުރައްވާނެ ކަމަށެވެ. ނަމަވެސް، ސަރުކާރުން މިހާރު އަމަލުކުރަމުންދާ ގޮތުން ގިނަ ބައެއްގެ އަތުން ފްލެޓް ގެއްލެމުންދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ވެސް ވައުދުވެފައިވަނީ މިދިޔަ ސަރުކާރުން ފްލެޓާއި ގޯތިތައް ދީފައި އޮތްތަނަކުން ދިން ގޮތަކަށް ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް އެ ވައުދާ ހިލާފަށް ސަރުކާރުން އަމަލުކޮށް ގިނަ ބައެއްގެ އަތުން ފްލެޓް ވަނީ އަތުލާފަ އެވެ.
މުއްތަލިބު ވިދާޅުވީ 4،000 ފްލެޓްގެ ތެރެއިން 3،879 މީހަކާ ފްލެޓް އެއްބަސްވުން ހަދާފައިވާއިރު، އެއްބަސްވުން ހެދި މީހުންގެ ތެރެއިން ފްލެޓްގެ ތަޅުދަނޑި ހަވާލުކުރީ 399 މީހަކާ ކަމަށެވެ.
ހުޅުމާލެ ފޭސް 2 އިން 709 ގޯތި ދީފައިވާއިރު، 699 ގޯތި ވަނީ ހަވާލުކުރެވިފައި ކަމަށް މުއްތަލިބު ވިދާޅުވި އެވެ. މުއްތަލިބު ވިދާޅުވީ ހުޅުމާލެ ފޭސް 3 އިން 798 ގޯތި ދީފައިވާއިރު، ލޭންޑް ޔޫޒް ޕްލޭނަށް ގެނައި ބަދަލާއެކު އަލުން ގުރު ނަގާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ