ތެޔޮ އަގު ބޮޑުވެ ދަތުރުތައް ހުއްޓިދާނެތީ އިންޑިއާގެ އެއާލައިންތަކުން ސަރުކާރުގެ އެހީއަށް އެދެފި

އީރާނާއި އެމެރިކާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި ތެލުގެ އަގު ކަނޑައަޅާ އުސޫލު އިސްލާހުކޮށްދިނުމަށާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއާ އިންޑިއާ، އިންޑިގޯ އަދި ސްޕައިސް ޖެޓުން އިންޑިއާ ސަރުކާރުގައި އެދެފިއެވެ. ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތައް މައްޗަށް ގޮސްފައިވާއިރު، ވައިގެ ސަރަހައްދުގެ ހުރަސްތަކުގެ ސަބަބުން އެއާލައިންތަކުގެ އޮޕަރޭޓިން ހަރަދުތައް ވަނީ އިތުރުވެފައެވެ. އެންމެ ބޯޓެއްގެ އޮޕަރޭޝަނަލް ހަރަދުގެ ގާތްގަނޑަކަށް 40 ޕަސެންޓް ހިއްސާކުރަނީ ޖެޓް ފިއުލް ނުވަތަ އޭވިއޭޝަން ޓާބައިން ފިއުލް (އޭޓީއެފް) އެވެ. އެކަމާ ގުޅިގެން ފެޑެރޭޝަން އޮފް އިންޑިއަން އެއާލައިންސް (އެފްއައިއޭ) އިން ވަނީ މީގެ ކުރިން "ކްރެކް ބޭންޑް" ގާއިމުކުރި އިރު އަމަލުކުރި ފަދައިން، އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގުވާމީ އުދުހުންތަކުގައި ވެސް ތެލުގެ އަގު ކަނޑައެޅުމުގެ އެއް އުސޫލެއް ހަމަހަމަކޮށް ހިންގުމަށް އެދި ސިވިލް އޭވިއޭޝަން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ. ޖެޓް ފިއުލްގެ އަގު މީގެ ކުރިން އުފުލިފައިނުވާ ވަރަށް އުފުލި، ސާފުނުކުރާ ތެލާއި ޖެޓް ފިއުލްގެ އަގާއި ދެމެދުގައި ހުރި ބޮޑު ތަފާތުގެ ސަބަބުން، އެއާލައިންތައް ހިންގުމުގައި މުޅި ސިނާއަތަށް ގޮންޖެހުންތަކާ ކުރިމަތިވަމުން އަންނަ ކަަމަށް އެ ސިޓީގައި ފެޑެރޭޝަނުން ބަޔާންކޮށްފައިވެެއެވެ. "ޖެޓް ފިއުލްގެ އަގު ހުއްޓުމެއް ނެތި ބޮޑުވުމުގެ ނަތީޖާއަކަށް ވާނީ، އެއާލައިންތަކަށް އުފުލަން ދަތި ބޮޑެތި ގެއްލުންތަކާ ކުރިމަތިވެ، ބޯޓުތައް ގްރައުންޑްކުރަން ޖެހި، ފްލައިޓްތައް ކެންސަލްކުރަން ޖެހުން." އެއާ އިންޑިއާ، އިންޑިގޯ އަދި ސްޕައިސްޖެޓް ތަމްސީލުކުރާ ފެޑެރޭޝަނުން ބުންޏެވެ. އެހެންވެ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށް ގެންގޮސް މިހާރު އޮތް ހާލަތުން އަރައިގަތުމަށް އެކަށީގެންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް އެ ސިޓީގައި ވަނީ އެދިފައެވެ. މީގެ އިތުރުން ޖެޓް ފިއުލް އިން ނަގާ 11 ޕަސެންޓުގެ އެކްސައިޒް ޑިއުޓީ ވަގުތީ ގޮތުން ފަސްކޮށްދިނުމަށް ވެސް އެއާލައިންތަކުން ވަނީ އެދިފައެވެ. މިދިޔަ މަހު ސަރުކާރުން އޭޓީއެފްގެ އަގު ބޮޑުކުރުން އެތެރޭގެ އޮޕަރޭޝަންތަކަށް 15 ރުޕީސްއަށް ލިމިޓް ކުރި ނަމަވެސް ބައިނަލްއަގްވާމީ އޮޕަރޭޝަންތަކަށް ބަލާއިރު އެ އަގު ވަނީ 73 ރުޕީސްއަށް އިތުރުވެފައެވެ. އެއާލައިންތަކުން ބުނީ މި ހާލަތުގެ ސަބަބުން ޑޮމެސްޓިކް އޮޕަރޭޝަންތަކާއެކު ބައިނަލްއަގްވާމީ އޮޕަރޭޝަންތައް ވެސް ކުރިއަށް ނުގެންދެވޭ ކަމަށާއި މި މަހު އޭވިއޭޝަން ދާއިރާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އޮކްޓޯބަރު 2022 ގައި ތަންފީޒުކުރި ކްރެކް ބޭންޑް މެކޭނިޒަމް (ޔޫއެސްޑީ 12-22/ބީބީއެލް) ގެ ދަށުން ހާމަކަން ބޮޑު އަގެއް ކަނޑައެޅުމުގެ އޮނިގަނޑެއް އެކުލަވާލުމަށް ފެޑެރޭޝަނުން ވަނީ ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ