އުތުރު ދާއިރާ ބައި އިލެކްޝަންގައި ވާދަ ނުކުރަން ސިނާނު ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި، ޕީއެންސީ ޕްރައިމަރީ ތަފާތުބޮޑުކޮށް ކާމިޔާބު ކުރި މުހައްމަދު ސިނާން، ބައި-އިލެކްޝަންގައި ވާދަ ނުކުރުމަށް ނިންމައިފި އެވެ.ސިނާނަށް ގޮނޑި ގެއްލުނީ، އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12ގައި ކަނޑައެޅުމާ ގުޅިގެންނެވެ.އެ ހުކުމަށް ފަހު ސިނާން ވަނީ، މިދިޔަ ހަފުތާ ބަންދުގައި އޮތް ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވައިފައެވެ. އެ ޕްރައިމަރީ އޭނާ ކާމިޔާބު ކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ) އާ ވާދަކޮށް، 226 ވޯޓު ހޯއްދަވައިގެންނެވެ. ސަޢީދަށް ލިބިވަޑައިގަތީ 187 ވޯޓެވެ.ސިނާން އާއްމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ފާއިތުވި ތިން ދުވަހު ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ކުރެވުނު މަޝްވަރާތަކުން، މިފަހަރުގެ ގޮނޑި ޕީއެންސީއަށް ކާމިޔާބުވުން އެންމެ ގާތީ އޭނާ ފަހަތަށް ޖެހިވަޑައިގަތުމުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން އާ ބޭފުޅަކަށް ފުރުސަތު ދެއްވުމަށް ނިންމެވީ ކަމަށް ވިދާޅުވި އެވެ.ސިނާން އިތުރަށް ވިދާޅުވީ ޕާޓީގެ ރައީސާއި ލީޑަޝިޕަށް އޭނާގެ ނިންމުން އަންގާފައިވާނެ ކަމަށާއި، އެ ނިންމުން ޕާޓީން އިހްތިރާމާ އެކު ބަލައިގެންފައިވާ ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓު ހޮވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ސިނާން ދެއްވާފައިވެ އެވެ.ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު ސޯދިގު ސޯބެ އެވެ. އެ ޕާޓީގެ ޓިކެޓު ހޯދަން އިތުރު މީހަކު ހުށަނާޅާތީ ސޯބެ އަށް ވަނީ އެމްޑީޕީގެ ޓިކެޓު ދީފަ އެވެ. ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބާއްވާއިރު، ކުރިމަތިލުމުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހާ ހަމައަށް މުއްދަތު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ