ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ، ރިޔާސީ ނިޒާމެއްގެ ތެރޭގައި ވެސް ސިޔާސީ ޕާޓީތަކުގެ ބަދަހިކަން ހިފެހެއްޓުމަށާއި ގާނޫނުހަދާ މަޖިލީހުގެ އިސްތިޤުރާރު ދެމެހެއްޓުމަށްޓަކައި 'ފްލޯ ކްރޮސިން' ހުއްޓުވުމުގެ ފިޔަވަޅުތައް އެޅިދާނެ ކަމަށެވެ.
މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ރައުޔަށް ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރާއިއެކު ހަ ފަނޑިޔާރުން ވަނީ ތާއިދު ކުރައްވާފައެވެ. ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ރައުޔެއް ނެރުއްވީ ފަނޑިޔާރު އައިޝަތު ސުޖޫން މުހައްމަދު އެކަންޏެވެ. އުއްތަމަ ފަނޑިޔާރު އިއްވެވި ހުކުމުގައި ފާހަގަކުރައްވާފައިވަނީ، އެންޓި ޑިފެކްޝަން އުސޫލުތަކަކީ ހަމައެކަނި ބަރުލަމާނީ ނިޒާމަކަށް ބޭނުންވާ ކަމެއް ކަމަށް ބުނުމަކީ ގާނޫނީ ގޮތުން ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ.
ފަނޑިޔާރު ޑރ.މުޙައްމަދު އިބްރާހީމް ވިދާޅުވީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސްފައި ވަނީ އެކަށީގެންވާ މަޝްވަރާއެއް ކުރުމެއްނެތި ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ކޯޓުތަކަށް ލިބިގެންވާ އިހްތިސާސެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިހްތިސާސެއް ކަމަށް ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ. ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހިމް ވެސް ވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ރައުޔަށް ތާއީދު ކޮށްފައެވެ.
އުއްތަމަ ފަނޑިޔާރުގެ ރައުޔުގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ރާއްޖެއަކީ ރިޔާސީ ނިޒާމެއް އޮންނަ ގައުމަކަށް ވިޔަސް، ގާނޫނުއަސާސީގައި ބަރުލަމާނީ ނިޒާމުގެ ބައެއް ސިފަތައް އެކުލެވިގެންވެއެވެ. ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ބާރު މަޖިލީހަށް އޮތުމަކީ، ރިޔާސީ ނިޒާމެއްގައި ވެސް އެންޓި ޑިފެކްޝަން ފަދަ އާލާތްތަކަށް ބޭނުންޖެހިދާނެ ކަމެއްކަން ހާމަވާ ކަމެކެވެ. މިސާލެއްގެ ގޮތުން، ސެމީ ޕްރެޒިޑެންޝަލް ނިޒާމެއް އޮންނަ ސްރީލަންކާގެ ގާނޫނުއަސާސީގައި ވެސް މިފަދަ އުސޫލުތައް ހިމަނާފައިވާކަން ފާހަގަކުރެއްވިއެވެ.
ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެމެރިކާ ފަދަ ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގައި ވެސް ދައުލަތުގެ އިސްވެރިޔާ ވަކިކުރުމުގެ ބާރު ގާނޫނުހަދާ މަޖިލީހަށް އޮންނަ ނަމަވެސް، އެކަން ކުރާ އުސޫލުތަކާއި ރާއްޖޭގެ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައިވާ އުސޫލުތަކާ ދެމެދު ތަފާތުތަކެއް ހުރެއެވެ. އެހެންކަމުން، ވަކި ކަމަކީ ހަމައެކަނި ވަކި ނިޒާމަކަށް ޚާއްޞަ ސިފައެއް ކަމަށް ބުނެވޭކަށް ނެތް ކަމަށް ކޯޓުން ކަނޑައެޅިއެވެ.
މީގެ އިތުރުން، ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިހުތިސާސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް ވެސް މިއަދުގެ ހުކުމުގައި ވަނީ ކަނޑައަޅާފައެވެ. ދައުލަތުން ނެގި އިޖުރާއީ އިއުތިރާޒުތަކަށް ރިއާޔަތްކޮށް ކޯޓުން ބުނީ، ގާނޫނުއަސާސީގެ އެއްވެސް މާއްދާއެއްގައި އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށް ބަޔާންކޮށްފައި ނުވާ ކަމަށެވެ. މި ނިންމުމާއެކު، މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮތް އުސޫލު ދެމިއޮންނާނެއެވެ.
ފަނޑިޔާރު ސުޖޫންގެ ރައުޖުގައި ވަނީ ގޮނޑި ގެއްލޭ އިސްލާހު ބާތިލް ކުރަން ފެންނަ ކަމަށް ވިދާޅުވެފައެވެ. ސުޖޫން ބުނާ ގޮތުގައި އެއީ އިޖުއާތުގެ ބޭރުން ބަދަލުކޮށްފައިވާ އިސްލާހެއް ކަމަށާއި އެއީ މަޖިލިސް މެންބަރުންގެ ޒިންމާ އަދާކުރަން ހުރަސް އެޅޭނެ އިސްލާހެއް ކަމަށެވެ.
ގޮނޑި ގެއްލޭ އިސްލާހު ބާތިލް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ