ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލުނު ނަމަވެސް، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އަޒުމަށް ބަދަލެއް ނާންނަ ކަމަށާއި، އާ ހިތްވަރަކާއެކު އަލުން އިންތިޚާބަށް ނުކުންނަވާނެ ކަމަށް މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ.
ސިނާން މިހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމަކާ ގުޅިގެން ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް ފޯމު ހުށަހެޅުއްވުމަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ސިނާން ވިދާޅުވީ "ރައްޔިތުން ހަވާލުކުރި ޒިންމާ އަޅުގަނޑަށް ގެއްލުނެވެ. ނަމަވެސް އަޅުގަނޑުގެ އަޒުމެއް ނުގުޑައެވެ. ނުވެސް ގުޑާނެއެވެ." މިގޮތުން ކުރިމަތިވި މާޔޫސްކަން މާޒީކޮށް، އާ އަޒުމަކާއި އިތުރު ހިތްވަރަކާއެކު ނުކުންނެވީ އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީގެ ޓިކެޓުގައި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަމަވިއިރު، ސިނާންގެ އިތުރުން ދެން ކުރިމަތިލައްވާފައިވަނީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ. އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާތީ، ޕާޓީގެ ޓިކެޓް ދޭނެ މީހަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މި މަހުގެ 25 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، ސިނާން ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނެގި ލޯނަކަށް ފައިސާ ނުދައްކާ އޮތް މައްސަލައެއްގައި، އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. މި މައްސަލައަކީ 3.8 މިލިއަން ރުފިޔާ ދެއްކުމަށް ސ. ހިތަދޫ ކޯޓުން ކުރި ހުކުމަކާ ގުޅިގެން ހުށަހެޅުނު މައްސަލައެކެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށެވެ. ސިނާން ވަނީ ދާއިރާއަށް ހޯދި ކުރިއެރުންތައް ގެއްލި ނުދާނެކަން ކަށަވަރު ކުރުމަށް ކެރިގެން ކުރިމަތިލާނެ ކަމަށް ވިދާޅުވެ، ޕްރައިމަރީގައި އޭނާއަށް ތާއީދު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
ރައްޔިތުން ހަވާލުކުރި ޒިންމާ ގެއްލުނަސް އަޒުމެއް ނުގުޑާ: ސިނާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ