އަރީޝަކީ ނަރީޝެއް ނޫން

ޕާޓީގެ ޓިކެޓް ދީގެން ބަޔަކު ބުރަ މަސައްކަތުން މާލެ ސިޓީ ކައުންސިލަށް އިންތިހާބު ކުރީމާ މަގާމުގެ ހުވާ ވެސް ނުކޮށް މުއިއްޒަށް ގޮނޑިވިއްކާލި މީހަކަށް އިތުބާރު ކުރާ މީހަކު ނެތެވެ. ހުދު ރައީސް މުއިއްޒުވެސް ގޮނޑިވިއްކާ މީހުންނަކަށް އިތުބާރެއް ނުކުރައްވައެވެ. އަމްދުން މާލޭ ރައްޔިތުންނަށް ބޮޑުވެފައިވާ އެއްވެސް ކަމެއް ހައްލުކުރަން ގޮނޑިވިއްކާ ކައުންސިލަރުން މަސައްކަތް ނުކުރާނެކަން މާލޭ މީހުނަށް އެނގޭނެއެވެ. 
މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަކީ މޭޔަރ އާދަމް އާޒިމުގެ ނޫން މީހެއްގެ މަސައްކަތެއް ނޫނެވެ. މުއިއްޒޭ އާރުޑީސީއޭ ޕީއެންސީއޭ އަރީޝްއޭ ކިޔައިގެން މެޑެލް ޖަހަން އުޅުނަސް އެކަން މާލޭގައި ދިރިއުޅޭ މީހުން ގަބޫލެއް ނުކުރާނެއެވެ. ކާކު ކުރީ ކީއްކަން މާލޭ ރައްޔިތުންނަށް ވަރަށް ސާފެވެ. 
މާލޭގެ ހުޅަނގު ފަރާތުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތައް ލިބުނުއިރު މާފަންނު ހުޅަނގުގައި ކައުންސިލަރަކު ހުންނަ ކަމެއް އެ ސަރަހައްދު މީހުން ނުދަނެއެވެ. ފެންނަން އޮތް ހަގީގަތަކީ މާލެ ސިޓީ ޑެޕިއުޓީ މޭޔަރ ކަމުގައި ހުރެގެން ކައުންސިލް ވާގި ނައްތާލަން ކުރި ކަމެއް ނޫނީ އަރީޝް ނުކުރާކަމެވެ. 
ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވުމުން މާގަދަ ވެގެން ނިކުމެ ރައީސް މުއިއްޒަށް ސަނާ ކިޔަނީ ކީއްވެގެންކަން މީހުނަކަށް ނޯޅެއެވެ. ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބިގެން މަގާމު ކަށަވަރު ނުކުރެވޭނެކަން މިހާރުވެސް ގަބޫލު ކުރަނީތާއެވެ. މަގާމު ކަށަވަރު ނުވެއްޖެނަމަ ނަރީޝް ހޯދި ކަހަލަ މަގާމެއް މުއިއްޒަށް ސަނާ ކިޔައިގެން ހޯދުމުގެ ހުވަފެން އަރީޝް ވެސް ދެކެނީތާއެވެ.
ފެން ބޮޑުވާ މައްސަލައޭ ސިނަމާލޭގެ ޖުރިމަނާއޭ ކުއްޔޭ ސިޓީ ކައުންސިލޭ ކޯރަމޭ އަރީޝް ކިޔަން މާލަސްވެއްޖެއެވެ. މާލެ ސިޓީގައި އަރީޝަކީ ހުންނަ މީހެއްކަންވެސް މީހަކު ނުދަނެއެވެ. ނަމެއްގައި ޑެޕިއުޓީ މޭޔަރު ހެދިގެން ސިޓީ ކައުންސިލުން ކުރަންޖެހޭ ކަންކަން ކުރުމަށް މޭޔަރަށް އެއްބާރުލުން ނުދީ މުސާރަ ނަގައިގެން މަގާމުގެ ނާޖާއިޒު ފައިދާ ނަގަން ހުންނާކަށް މާލޭ ރައްޔިތުން ޗާންސެއް ނުދޭނެއެވެ. 
މޭޔަރ މުއިއްޒު ހިންގާފައިވާ ޖަރީމާތައް ފޮރުވަން އަރީޝް ގަތް ބޭނުން ކެނޑިގެން ދާކަށް މާގިނަ ދުވަހެއް ނެތެވެ. އޭރަކުން އަރީޝްއަކީ މުއިއްޒަށް ބޭނުން މީހަކަށް ވެސް ނުވާނެއެވެ. އަނެއްކޮޅުން އަރީޝް ދައްކާ ކޮންމެ ވާހަކައަކުން ޢާދަމު އާޒިމަށް މީހުން ކުރާ އިތުބާރު ވަނީ ބޮޑެވެ. އަރީޝްމެންގެ އެއްބާރުލުން ނުލިބި އާދަމް އާޒިމު މާލޭ މޭޔަރުގެ ހައިސިއްޔަތުން ދެއްވި ހިދުމަތް ބަލައިގަނެ ގިނަ ބަޔަކު އާދަމް އާޒިމަށް ސެލިއުޓް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ