ވިކްރަމްގެ ކްރޫ މެންބަރުންނާއި ފިލްމުގެ ބަތަލާއަށް ވެސް ދޭންޖެހޭ ފައިސާ ނުދޭކަން ހާމަވެއްޖެ
ބޮލީވުޑްގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ވިކްރަމް ބަޓްގެ ފިލްމު "ކިލޯނޭ"ގައި މަސައްކަތްކުރި ކްރޫ މެމްބަރުންގެ އިތުރުން، ފިލްމުގެ ލީޑް ބަތަލާ އަނޫޕްރިޔާ ގޮއެންކާއަށް ވެސް ދޭންޖެހޭ އުޖޫރަ ފުރިހަމައަށް ދީފައިނުވާކަން ހާމަވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. މި މަހުގެ ކުރީކޮޅު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވިކްރަމް ބަޓްގެ 2023 ވަނަ އަހަރުގެ ބިރުވެރި ފިލްމު "1920: ހޮރޯސް އޮފް ދަ ހާޓް" އަދި އުފެއްދުމުގެ މަރުހަލާގައި އޮތް އެކްޝަން ފިލްމު "ކިލޯނޭ" ގައި މަސައްކަތްކުރި ގިނަ އަދަދެއްގެ މުވައްޒަފުންނަށް ލިބެންޖެހޭ ފައިސާ އަދިވެސް ވަނީ ނުލިބިއެވެ. ބޮލީވުޑް ޚަބަރުތައް ގެނެސްދޭ ދަ ހޮލީވުޑް ރިޕޯޓައިން "ކިލޯނޭ" ގެ މޭކަޕް އާޓިސްޓް ކޯމަލް ހަލާއީ ދަވަން އާއި ނަން ހާމަކުރަން ބޭނުންނުވާ ކްރޫ މެންބަރަކާ ވާހަކަ ދައްކާފައި ވާއިރު، އެމީހުން ތުހުމަތުކުރާ ގޮތުގައި ފިލްމުގެ މަސައްކަތުގެ މާހައުލުގައި ކަންކަން ގޮސްފައިވަނީ ވަރަށް ބޭއަދަބީކޮށް އަދި ޕްރޮފެޝަނަލް މިންގަނޑުތަކާ ހިލާފަށެވެ. ވިކްރަމް ބަޓް އަނބިމީހާ ޝްވޭތަމްބަރީއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް އެގޮތުން ކޯމަލް ބުނި ގޮތުގައި އޭނާއަށް ލިބެންޖެހޭ 1.75 ލައްކަ ރުޕީސް އަދިވެސް ނުލިބެއެވެ. މީގެއިތުރުން ފިލްމު "ޓައިގަ ޒިންދާ ހޭ"، "ޕަދްމާވަތު"، "ވޯ"، އަދި "އަސުރް" ފަދަ މަޝްހޫރު ފިލްމުތަކާއި ސީރީޒްތަކުން ފެނިފައިވާ ހުނަރުވެރި ބަތަލާ އަނޫޕްރިޔާ ގޮއެންކާއަށް ވެސް ދޭން ޖެހޭ ފައިސާ ވިކްރަމްގެ ފަރާތުން ލިބިފައެއް ނުވެއެވެ. އަނޫޕްރިޔާ ފިލްމުގައި މަސައްކަތްކުރި އެންމެ ފަހު ޝެޑިއުލްގެ 15 ވަރަކަށް ދުވަހުގެ މަސައްކަތުގެ އުޖޫރަ އަދިވެސް އޭނާއަށް ނުލިބޭ ކަމަށާއި ބަތަލާގެ އެކަމަށް ތަކުރާރުކޮށް އެދުމުންވެސް މިހާތަނަށް އެ ފައިސާ ނުލިބޭ ކަމަށް ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ވެސް ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ވިކްރަމްއާ އެކު ފިލްމުގެ މަސައްކަތްތަކުގައި އުޅުނު އެ ފިލްމާ ގުޅުންހުރި ހުރިހާ އެންމެންނަށް ވެސް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ވިކްރަމްގެ ފިލްމެއްގެ ކްރޫއިންނާއި ބަތަލާއަށް މަސައްކަތުގެ އުޖޫރަ ނުދޭކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު އޭނާގެ އަންހެނުން ޝްވޭތަމްބަރީގެ މައްޗަށް މިދިޔަ އަހަރުގެ ފަހުކޮޅު 30 ކްރޯޑު ރުޕީސްގެ މަކަރާއި ހީލަތުގެ ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. މި މައްސަލައާ ގުޅިގެން ވިކްރަމްގެ ދެމަފިރިން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުތެރޭ އުދޭޕޫރުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ވިކްރަމްގެ ދެމަފިރިންނާ ދެކޮޅަށް މި މައްސަލަ ހުށަހެޅީ އިންދިރާ ގްރޫޕް އޮފް ކޮމްޕެނީސްގެ ބާނީ ޑރ. އަޖޭ މުރްދިއާއެވެ. އޭނާ ތުހުމަތުކުރާ ގޮތުގައި ވިކްރަމް ބަޓާއެކު އުފެއްދި ހަތަރު ފިލްމަކުން 200 ކްރޯޑް ރުޕީސްގެ ފައިދާ ލިބޭނެ ކަމަށް ވައުދުވި ނަމަވެސް މިހާތަނަށް އެ ފައިސާ އަނބުރާ ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ