ރޯދަ މަހާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު އެމްއެމްއޭން އިތުރުކޮށްފި

ރޯދަ މަހާ ދިމާކޮށް ކާބޯތަކެތި އެތެރެކުރަން ފަސޭހަ ކުރުމާއި އަގު ހެޔޮކުރަން އެހީތެރިވުމުގެ ގޮތުން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު މަރުކަޒީ ބޭންކް، އެމްއެމްއޭން އިތުރުކޮށްފި އެވެ. 
ތަފްސީލް - އެމްއެމްއޭން މިއަދު ބުނީ ރޯދަ މަހާ ދިމާކޮށް ގެނައި މި ބަދަލުގެ ދަށުން: 
އިއްޔެއިން ފެށިގެން ތިން ހަފްތާގެ މުއްދަތަކަށް ޑޮލަރު ދޫކުރާ ވަރު ވަނީ އިތުރުކޮށްފައި
މިހާރު ޑޮލަރު ދޫކުރާވަރު %32 ވަނީ އިތުރުކޮށްފައި 
"މިއީ ރޯދަ މަހުގެ ތެރޭގައި އަސާސީ ކާބޯތަކެތި އެތެރެކުރުމަށް ބޭންކުތަކުން ބޭރު ފައިސާ ހޯދުމަށް ކުރާ ޑިމާންޑް ބޮޑުވާތީ، އެކަމަށް ލުޔެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެކެވެ،" އެ ބަދަލު ގެނައި ސަބަބާ ގުޅޭ ގޮތުން އެމްއެމްއޭން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ. 
އެމްއެމްއޭން ބުނީ ބޭރު ފައިސާ އިތުރަށް ދޫކުރުމުގެ ސަބަބުން މުދާ އެތެރެކުރާ ފަރާތްތަކަށް ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ބޮޑެތި ފަސޭހަތަކެއް ލިބޭނެ އެވެ. އަދި އާންމުކޮށް ކާބޯތަކެތި ބޭނުންކުރާ މިންވަރު އިތުރުވާ މި ދަނޑިވަޅުގައި އެ ފިޔަވަޅުގެ ސަބަބުން:
މުދާ އެތެރެކުރުމުގެ ނިޒާމަށް ކުރިމަތިވާ ތާށިކަން ކުޑަވެގެންދާނެ 
ރާއްޖޭގެ ބާޒާރުގައި އަސާސީ މުދާ މެދުނުކެނޑި ލިބެން ހުންނާނެ ކަމަށް ބުނި
މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކުރުމަށާއި ބޭންކިން ނިޒާމަށް އެހީތެރިވުމަށް މަރުކަޒީ ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެމްއެމްއޭން ފާހަގަކުރި އެވެ.
"މިފަދަ ފިޔަވަޅުތަކަކީ ރޯދަ މަހާ ދިމާކޮށް ބޭރު ފައިސާއަށް އަންނަ މޫސުމީ ޑިމާންޑް މެނޭޖްކުރުމަށް އެ އޮތޯރިޓީން ގެންގުޅޭ ހާއްސަ ސިޔާސަތެއް،" އެމްއެމްއޭން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ