ކެނެޑާގައި ޓިކްޓޮކް ހުއްޓުވަން ސަރުކާރުން ނެރުނު އަމުރު ކޯޓުން ބާތިލުކޮށްފި
ކެނެޑާގައި ހިންގާ ޓިކްޓޮކްގެ ވިޔަފާރިތަކާއި އޮޕަރޭޝަންތައް ހުއްޓާލަން އެ ގައުމުގެ ސަރުކާރުން ނެރުނު އަމުރު، ފެޑެރަލް ކޯޓުން ބާތިލުކޮށްފިއެވެ. މި ނިންމުމާ އެކު، މި ވަގުތަށް ޓިކްޓޮކަށް އެ ގައުމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ވަނީ އަލުން ލިބިފައެވެ. ކެނެޑާގެ އިންޑަސްޓްރީ މިނިސްޓްރީން ނޮވެންބަރު 2024 ގައި ޓިކްޓޮކްގެ ވިޔަފާރި އުވާލަން އެންގީ، އެ އެޕްގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެއެވެ. ނަމަވެސް، އެ އަމުރުގައި ވެސް އާންމުން ޓިކްޓޮކް ބޭނުންކުރުން ނުވަތަ ކޮންޓެންޓް އުފެއްދުން މަނައެއް ނުކުރެއެވެ. https://sun.mv/216820 ކެނެޑާގައި 14 މިލިއަނަށްވުރެ ގިނަ މީހުން ކޮންމެ މަހަކު ބޭނުންކުރާ ޓިކްޓޮކުން މި މައްސަލަ ކޯޓުގައި އިސްތިއުނާފުކުރުމުން، ފެޑެރަލް ކޯޓުގެ ފަނޑިޔާރު ރަސަލް ޒިން ވަނީ ސަރުކާރުގެ ނިންމުން ބާތިލުކުރައްވާފައެވެ. ފަނޑިޔާރުގެ ހުކުމުގައި ވަނީ މި މައްސަލަ އަލުން މުރާޖައާ ކުރުމަށް އިންޑަސްޓްރީ މިނިސްޓަރު މެލަނީ ޖޯލީއަށް އަންގަވާފައެވެ. މި ނިންމުމާ ގުޅިގެން ކެނެޑާގެ އިންޑަސްޓްރީ މިނިސްޓްރީން ބުނީ، މިނިސްޓަރު ޖޯލީ މިހާރު އާ "ނޭޝަނަލް ސެކިއުރިޓީ ރިވިއު"އެއް ފައްޓަވާނެ ކަމަށެވެ. ޓިކްޓޮކުން ވަނީ ކޯޓުގެ ނިންމުމަށް މަރުހަބާ ކިޔައި، މިނިސްޓަރާ އެކު މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ. ޗައިނާގެ ބައިޓްޑާންސް ކުންފުނިން ހިންގާ ޓިކްޓޮކާ މެދު ކެނެޑާއާއި ހުޅަނގުގެ ބައެއް ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަނީ، ޗައިނާ ސަރުކާރުން އެ އެޕް މެދުވެރިކޮށް މީހުންގެ މައުލޫމާތު ނަގައިފާނެ ކަމަށް ބުނެއެވެ. ނަމަވެސް، ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމެރިކާގެ ޓެރިފްތަކުގެ ސަބަބުން އިގުތިސާދަށް ލިބޭ ގެއްލުން ކުޑަކުރުމަށް ޗައިނާއާ އެކު ގާތް ގުޅުމެއް ބޭއްވުމަށެވެ. މީގެ އިތުރުން، ޓިކްޓޮކް ބޭނުންކުރާ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ، މިދިޔަ ސެޕްޓެންބަރު މަހު ޓިކްޓޮކުން ވަނީ ކެނެޑާގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް އެއްބަސްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ