"ޖަލީލު، މޭޔަރު މުއިއްޒުގެ ފިޔަވަޅު މަތިން ހިންގަވާނެ ކަމަށް ބުނުމުން ދިޔައީ ސިއްސައިގެން، އެހިސާބުން އެހުރީ ފެއިލްވެފައި"
މާލެ ސިޓީގެ ކުރީގެ މޭޔަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިޔަވަޅު މަތިން ހިންގަވައި، މާލޭގެ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލު ވިދާޅުވުމުން ދިޔައީ "ސިއްސައިގެން" ކަމަށާއި، އެހާހިސާބުން ފެށިގެން ޖަލީލު އެހުރީ "ފެއިލްވެފައި" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ. ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވަނީ ޖަލީލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ގައުމީ ޚިދުމަތުގައި ސިފައިންގޭގައި ހުންނެވިއިރު، ޖަލީލު ވަނީ ރައްޔިތުންގެ އިހުތިރާމް ކަށަވަރުކުރައްވާފައި ކަމަށާއި އެހެންނަމަވެސް އެ އިހުރިތާމް މިހާރު ދެމި އޮންނަން ޖެހޭނެތޯ އެމަނިކުފާނު ވަނީ ސުވާލުއުފައްދަވައިފައެވެ. ދެން އެބޭފުޅުންނާ ނުގުޅޭ، ތަބީއަތާ ނުގުޅޭ ކަންކަމާ ހަވާލުވެ މިކުރައްވާ ކަންތައްތަކުގެ ތެރޭގައި ރައްޔިތުން އެންމެ ބޮޑަށް ނަފްރަތުކުރާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަން ކޮރަޕްޝަނާ، ފައިސާގަ ޖެހުމާ މިކަންކަމަކީ. މިކަހަލަ ކަންކަމާ މިމީހުން މި ހަވާލުވަނީ، ހަވާލުވެގެން އަޑުފައްގަނޑު އިންތިހާއަށް ގަދަވެގެން މިދަނީ. އެހެންވީމަ ވެސް އެބޭފުޅުންގެ ޝަޚްސަށް އޮންނަ އިހުތިރާމް އޮންނަން ޖެހޭހެއްޔޭ؟ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޔާމީން ވިދާޅުވީ އެމީހަކު ގައުމަށް ކޮށްދެއްވި ޚިދުމަތް ނިމުމުން، ދެން އެ ޚިދުމަތުގެ ލޯބި ދަމަހައްޓަން ބޭނުން ކަމަށް ވާނަމަ އުޅެންޖެހޭނީ އެ އިހުތިރާމާއި ލޯބި ލިބޭނެ ގޮތަކަށް ކަމަށެވެ. އެހެން ނޫންނަމަ އެފަދަ ބޭފުޅުންގެ ވަރުގަދަ މާޒީ މުޅިން ކިލަނބުވެގެން ދާނެ ކަމަށް ވިދާޅުވިއެވެ. އަދި ޖަލީލަށް އިޝާރާތްކުރައްވައި މިހާރު އެ ފެނިގެން ދަނީ އެކަހަލަ ކަމެއް ކަމަށް ޔާމީން ވިދާޅުވިއެވެ. ކުރީގެ ރައީސް ޔާމީން ޕީއެންއެފް ޖަލްސާއެއްގައި ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މޫސާ ނަދީމް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު އޭރު މޭޔަރަކަށް ހުންނެވިއިރު އެމަނިކުފާނުގެ ފިޔަވަޅުމަތިން ހިންގަވާނެ ކަމަށް ޖަލީލު ވިދާޅުވުމުން އެމަނިކުފާނު ވެސް "ސިއްސައިގެން" ދިޔަ ކަމަށެވެ. އަދި އެފަދައިން ޖަލީލު ވިދާޅުވި ހިސާބުން ފެށިގެން އެހުރީ "ފެއިލްވެފައި" ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. ސަބަބަކީ ރައްޔިތުންގެ ތެރޭ އެންމެ އަޑުގަދަކޮށް ދައްކާ އެއް ވާހަކައަކީ ވެސް ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވިއިރު ހިންގާފައި އޮތް ކޮރަޕްޝަންގެ ވާހަކަ ކަމަށް ޔާމީން ވިދާޅުވިއެވެ. ކުރީގެ މޭޔަރުގެ ފިޔަވަޅު މަތީގަ ހުރެގެން މިކަންކަން ކުރާނަމޭ ބުނީމާ އަޅުގަނޑުމެން ވެސް ސިއްސައިގެން ދޭ. މަގާމަށް ވާދަކުރުމުގެ ކުރިން، އެހެރީ ފެއިލްވެފައޭ! އަދި އިންތިޚާބެއް ނުބާއްވާ. މުޅި ރާއްޖޭގަ އަޑުފައްގަނޑު ގަދައަށް މިއޮތީ މުއިއްޒު މޭޔަރަކަށް ހުންނެވިއިރު ހިންގާފައި އޮތް ކޮރަޕްޝަންގެ ވާހަކަ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޔާމީން ވިދާޅުވި ގޮތުގައި ޖަލީލަކީ ގައުމީ ދިފާއީ ބާރުގައި އެންމެ ކުޅަދާނަ، ނޫނީ އެންމެ ޝަރަފުވެރި ޚިދުމަތެއް ކުރައްވާފައި ހުންނެވި ބޭފުޅެކެވެ. އެކަންކަން މިހާރު އޭނާއަށް ނުފެންނަ ނަމަ ނުވަތަ އެކަންކަން އެއީ އޭނާއަށް ކަމަކަށް ނުވާނަމަ، ދެން ރައްޔިތުންގެ އެވަރުގެ މަސްއޫލިއްޔަތެއް ޒިންމާއެއް އުފުލާނެ ޖާގަ އޭނާއަށް އެބައޮތްތޯ ޔާމީން ވަނީ ސުވާލު އުފައްދަވައިފައެވެ. ފާހަގަކުރެވޭ ގޮތުގައި ޕީއެންސީގެ ޓިކެޓުގައި ޖަލީލު ވާދަކުރައްވާކަން ހާމަކުރެއްވީ މީގެ އެއް މަސް ކުރިން، އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ކައުންސިލް އިންތިޚާބުގެ އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާހީމް ފަލާހެވެ. ފަލާހު އެ ދުވަހު ހާމަކުރެއްވި ގޮތުގައި، ޕީއެންސީގެ ޕްރައިމަރީގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ ޖަލީލު އެކަންޏެވެ. އެހެންވެ، އޭނާއަށް ވަނީ އޮޓޯއިން ޓިކެޓު ކަށަވަރުވެފައެވެ. ޖަލީލު ވަނީ ނޮވެންބަރު 3ގެ ނުރައްކާތެރި އުދުވާނީ ހަމަލާއާ ގުޅިގެން، ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި ނުކުންނަވައިފައެވެ. އަދި ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ