މިހާރުގެ މޭޔަރު އުޅުއްވަނީ މުއިއްޒުގެ ވައްކަންތައް ފޮރުވަން: ޔާމީން

މާލޭ މޭޔަރު އާދަމް އާޒިމް އުޅުއްވަނީ ރައީސް މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވި އިރު ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަންތައް ފޮރުވުމަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ތުހުމަތު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ ވައްކަންތަކުގެ ވާހަކަ މުޅި ރާއްޖޭގައި ދައްކަމުން އަންނަ ކަމަށާއި އެކަންތައް ރައްޔިތުންނަށް ހާމަކޮށްދޭނެ ފުރުސަތު ލިބިފައި އޮތްނަމަވެސް މިހާރުގެ މޭޔަރު އުޅުއްވަނީ އެކަންތައް ފޮރުވަން ކަމަށެވެ.
ތަފްސީލް - ޔާމީން ވިދާޅުވީ ސަރުކާރު ހިންގާ ޕީއެންސީ އިން މާލޭ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަކީ  ކެންޑިޑޭޓޭއް ދައްކަން ޖެހުމުން އެ ޕާޓީ އިން ދެއްކި ކެންޑިޑޭޓޭއް ކަމަށެވެ.
"އެކަމަކު [ރައީސް] މުއިއްޒަށް މާ ހިތަށް ފަސޭހަވޭ، މުއިއްޒު މޭޔަރަކަށް ހުންނަވައިގެން ކުރެއްވި ކަންތައް މާ ރަނގަޅަށް ފަސްއަޅާ ފޮރުވައިދީފައި އެހުރީ އާދަމް އާޒިމް،" ޔާމީން ވިދާޅުވި އެވެ.
"އެއީ އޮންނަ ގުޅުމެއް، އާދަމް އާޒިމް އާ އުޝާމް އާ ކާނަލް ނާޒިމް އާ މުއިއްޒު އާ. މި ބޭބޭފުޅުންގެ ތެރޭ އޮންނަ ގުޅުން އެއީ."
އޭގެ ބައެއް ކަންތައް ސިޓީ ކައުންސިލްގެ ޖަލްސާއަށް އެޖެންޑާކުރަނީ ޕީއެންއެފްގެ ޖަލްސާތަކުގައި އެވާހަކަތައް ދައްކާތީ ކަމަށާއި އެކަމަކު ޖަލްސާތަކުގެ ކޯރަމް ހަމަނުވާގޮތަށް ކައުންސިލަރުން ޖަލްސާ ދޫކޮށްދަނީ ވެސް ރޭވުމެއްގެ ތެރެއިން ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.
"...ޕީއެންއެފްގެ ޖަލްސާތަކުގައި އެވާހަކަ ދައްކާތީކަންނޭނެ އޭގެ ބައެއް ކަންތައް އެޖެންޑާ ކުރަން އުޅުނީމާ ވޯކް އައުޓް ކުރީ. ވޯކްއައުޓް ކުރީމާ ދެން އެޖެންޑާ އެއްވެސް ނުކުރޭ. ވޯކްއައުޓް ކުރީމާ އަޅުގަނޑު ގަބޫލު ކުރަނީ އާދަމް އާޒިމްއާ އެމީހުންނާއެކު އޮންނަ އެއްބަސްވުމެއްގެ ދަށުންނޭ،" ޔާމީން ވިދާޅުވި އެވެ.
"އެއީ މީގެން ކަމެއް ފާސްކުރާކަށް ނުޖެހޭ. ހިިންގާފައި ހުރި ކޮރަޕްޝަނުގެ މައްސަލައަކީ ކޮންމެހެން ކައުންސިލުން އެކަން ހިންގާފައި އޮތީ އެގޮތަށްތޯ ފާސްކުރަންޖެހޭ ކަމެއް ނޫން. އެތަނުގެ އިންޓާނަލް އޮޑިޓެއް ހެދެންވާނެ. ޕާފޯމަންސް އޮޑިޓެއް ހެދެންވާނެ."
އެ އޮޑިޓުތައް ހަދާ، އެ މައުލޫމާތު އާންމުކުރަން މޭޔަރު އާޒިމަށް ކެރިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާވަރަށް މި ވާހަކަ ދައްކާތީ އަދި އޭނަވެސް ދެވަނަ ދައުރެއް ބޭނުންވާތިއްޔާ އެކީ ކޮންމެވެސް ވަރަކަށް ދުމުގަ ޖެހިލާގޮތަށް، އަމާ ބުނީތީ ފަރަށްދާ ގޮތަށް ކަމެއް ކުރާ އުސޫލުން ކަމެއް ކޮށްލީ." ޔާމީން ވިދާޅުވި އެވެ.
"ތެދުތެދަށް ދަންނަވާނަމަ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ މުއިއްޒު ބޭނުންވަނީކީ މޫސާ ޖަލީލު ހޮވަންްކަމަކަށް. އެއީ ހަމަ ކަތިލާ ކަންބަޅިއެއް ކަމަށް އަޅުގަނޑަށް ސިފަވަނީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ