ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނ. ވެލިދޫއަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފަށައިފިއެވެ.
ސީޕްލޭން ހިދުމަތް ފެށުމަށް ވެލިދޫގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޓަރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި މޯލްޑިވިއަން ހިންގާ އައިލޭންޑް އެވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސްގެ އިތުރުންގެ އެ ކުންފުނީގެ އިސްވެރިންނާއި ވެލިދޫ ކައުންސިލް މެންބަރު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސީޕްލޭން ދަތުރުތައް ފެށުމަށް ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ވަނީ ގާއިމްކޮށްފައެވެ. ހަމައެއާއެކު ވެލިދޫ ކައުންސިލް އިދާރާގައި ޗެކިން ކުރުމަށާއި ދަތުރުވެރިން މަޑުކޮށްލައިގެން ތިބުމަށް ހާއްސަ ލައުންޖެއް ވެސް ވަނީ ހަދާފައެވެ.
ވެލިދޫއަށް ސީޕްލޭން ހިދުމަތް ފެށުމަށް ފުރަތަމަ ފްލައިޓަށް މެންދުރު 1:40 ގައި ޗެކިން ފަށާފައިވާ އިރު، އެ ފްލައިޓު ފުރާފައި ވަނީ 2:40 ގައެވެ. ސީޕްލޭން ހިދުމަތް ފެށުމަށް ވެލިދޫ އިން މާލެއަށް ފުރި ފުރަތަމަ ފްލައިޓުގެ ދަތުރުގައި 15 ފަސިންޖަރުން ދަތުރުކުރިއެވެ. އޭގެތެރޭގައި ދިވެހިންނާއި ފަތުރުވެރިން ހިމެނެއެވެ.
މޯލްޑިވިއަން އިން ބުނާ ގޮތުގައި ވެލިދޫއަށް ކުރާ ދަތުރުތައް ކުރާނީ ހަފްތާއަކު ދެ ދުވަހުއެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހާއި ހުކުރު ދުވަހު ދަތުރު ކުރަން ހަމަޖެހިފައިވާ އިރު ދިވެހިންނަސް ހާއްސަ ފެއާއެއްގެ ގޮތުގައި ކޮލަކަށް 999 ރުފިޔާއަށް ދަތުރުކުރެވޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ގައި ރައީސް މުއިއްޒު ވެލިދޫއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މި އަހަރު ޖަނަވަރީ މަހު ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމް އެއް ގާއިމްކޮށް ޝެޑިއުލް ދަތުރުތައް ފަށާނެކަން އިއުލާން ކުރައްވާފައެވެ.
ވެލިދޫއަށް ގައުމީ އެއާލައިންގެ ސީޕްލޭން ދަތުރުތައް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ