ހަނގުރާމަތަކަށް ބޭރު ގައުމުތަކަށް ދާ ދިވެހިން ހުއްޓުވަން ދަތިތަކެއް ކުރިމަތިވޭ: އުމަރު

ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދާ ދިވެހިން ހުއްޓުވުމާއި އެ މީހުންނާ މެދު ފިޔަވަޅު އެޅުމުގައި ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ ފަރާތްތަކަށް ނަސޭހަތް ދިނުމުގެ ޕްރޮގްރާމްތައް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް ޖިހާދަށް ދިއުމުގެ ނިޔަތުގައި ރާއްޖެއިން ބޭރަށް ދާ ދިވެހިން ހުއްޓުވުމުގައި ގާނޫނީ ގޮތުން ބައެއް ދަތިތައް އެބަހުރި ކަމަށް އުމަރު ވިދާޅުވި އެވެ.
މީގެ ކުރިން ސީރިއާގައި ހަނގުރާމަ ކުރަން ދެ ދިވެއްސަކު ވަނީ މަރުވެފަ އެވެ.
އުމަރު ވިދާޅުވީ އެކަމުގައި ފުލުހުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެފަދަ މީހުން ހުއްޓުވަން ކޯޓު އަމުރު ހޯދުން ކަމަށެވެ. އެގޮތުން ޖިހާދަށް ދިއުމަށް ބަޔަކު ފުރަން އުޅޭކަން އެނގެނީ އިންޓެލިޖެންސް މައުލޫމާތުތަކުން ކަމަށް ވާއިރު އެފަދަ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް އެ މީހަކު ހުއްޓުވަން އަމުރު ހޯދުމުގައި ދަތިވާ ކަމަށް ވިދާޅުވި އެވެ. އަދި އެގޮތަށް ދިމާވަނީ ރާއްޖޭގައި އެފަދަ ކަންކަމުގައި ޝަރީއަތުން ބަލާ ހެކީގެ މިންވަރު މަތިކަމުން ކަމަށާއި ނަމަވެސް އެ މިންވަރު ދަށް ކުރަންޖެހޭ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ހެކި ހުށަހެޅުމަށް މިހާރު އޮންނަ މިންގަނޑު އެގޮތަށް ބާއްވައިގެން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ކާމިޔާބު ނުހޯދޭނެ ކަން ގިނަ ގައުމުތަކުން ގަބޫލުކޮށް، ކޯޓަށް ހުށަހަޅަންޖެހޭ ހެކީގެ މިންގަނޑު ވަނީ ތިރިކޮށްފައި." އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އެފަދަ ހަނގުރާމަތަކުގައި ބައިވެރިވެގެން އުޅެނީ ދިވެހިންގެ ހަތް މީހެކެވެ. އެފަދަ ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެއިން ބޭރަށް ދިޔަ ތިން މީހަކު އަނބުރާ ރާއްޖެ ގެނެސްފައިވާ ކަމަށާއި އެ މީހުންނަށް އެފަދަ ކަމެއްގައި ބައިވެރިވުމަށް ދެން ރާއްޖެއިން ބޭރަށް ނުދެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެފަދަ ހަނގުރާމަތަކުގައި ދާން އުޅޭ މީހުން ހުއްޓުވުމުގެ މަސައްކަތުގެ އިތުރުން އެފަދަ ފިކުރުތައް ގެންގުޅޭ ފަރާތްތައް މޮނީޓާކޮށް، އެފަދަ ފިކުރުތަކާ ދިވެހިން ދުރު ކުރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެފަދަ ކަންކަމުގައި އިންޓެލިޖެންސް މައުލޫމާތު ހޯދުމުގައި ވެސް ހަރުދަނާ ނިޒާމެއް ގާއިމް ކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ