ފުލުހުންގެ އަމުރަށް ނުހުއްޓައި ދިޔަ ޕިކަޕަކުން 144 ދަޅު ބަނގުރާ އަތުލައިގެންފި

މިއަދު ހެނދުނު ހުޅުމާލެ ފޭސް އެކަކުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޕިކަޕެއް، ފުލުހުން މަޑުކުރަން ބުނުމުން ވެސް މަޑުކުރުމެއް ނެތި ދިޔުމުން، ފަހަތުން ގޮސް އެ ޕިކަޕު ބަލައި ފާސްކުރިއިރު 144 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އެ މައްސަލައިގައި ޕިކަޕު ދުއްވަން އިން އިންޑިއާގެ ރައްޔިތެއް ކަމަށްވާ ފަސަލު ރަޙްމާން މަޓުމަލް (28އ) ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މިއަދު ހެނދުނު ހުޅުމާލެ ފޭސް އެކެއްގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔައިރު ބާރު ސްޕީޑުގައި ދުއްވާފައިދިޔަ އެ ޕިކަޕަކަށް ފުލުހުން އަތުން އިޝާރާތްކޮށް އަދި ބަރުގޮނު އެޅުމުން ވެސް މަޑުކޮށްފައި ނުވާ ކަމަށެވެ. ފުލުހުންގެ އެންގުމުން މަޑުނުކޮށް ބާރު ސްޕީޑުގައި ގޮސް ޒިގްޒެކްކޮށް އެކި މަގުތަކުން އެ ޕިކަޕު ދުއްވާފައި ދިޔަ ކަމަށް ފުލުހުން ބުންޏެވެ. ހައްޔަރުކުރި އިންޑިއާ މީހާ -- ފޮޓޯ/ ފުލުހުން އެހެންކަމުން ފުލުހުން އެ ޕިކަޕު ފަހަތުން ގޮސް ހުއްޓުވައި ޕިކަޕު ދުއްވަންއިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު 144 ދަޅު ބަނގުރާ ޕިކަޕު ތެރެއިން ފެނުނު ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އިންޑިއާ މީހާ ހައްޔަރުކޮށްފައިވަނީ ބަނގުރާ ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް އާއްމުވެފައިވާއިރު، އެފަދަ މައްސަލަތަކުގައި ހައްޔަރުކުރާ ބިދޭސީން ވެސް އިތުރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ