ޖިންސީ ގޯނާގެ ކުށް ގިނަ ނަމަވެސް، ރޭޕް ކިޓް ހުރީ ހަމައެކަނި ދެ ހޮސްޕިޓަލެއްގައި

ރޭޕް މައްސަލައެއް ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި، އަނިޔާ ލިބުނު މީހާ ނުވަތަ ކުއްޖާގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގަން ބޭނުންކުރާ ރޭޕް އެވިޑެންސް ކިޓް މިވަގުތު ހުރީ ރާއްޖޭގެ އެންމެ ދެ ހޮސްޕިޓަލުގައި ކަމަށް، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)އިން ބުނެފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި އެފްޕީއޭގެ މިދިޔަ އަހަރުގެ ރިޕޯޓާއި، ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ތައްޔާރުކޮށްފައިވާ މިދިޔަ އަހަރުގެ ރިޕޯޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެ އިދާރާގެ ސީއީއޯ އާމިނަތު ޝިރާނީ ނައީމް ވިދާޅުވީ، އެ އިދާރާއަށް ހުށަހަޅާ މައްސަލަތަކުގެ ގާތްގަނޑަކަށް އަށް މައްސަލައިގެ ތެރެއިން އެއް މައްސަލައަކީ ޖިންސީ ގޯނާގެ މައްސަލަތައް ކަމަށެވެ. އޭނާ ވިދާޅުވީ، ރޭޕް އެވިޑެންސް ކިޓް މި ވަގުތު ހުރީ ހަމައެކަނި ހުޅުމާލެ ހޮސްޕިޓަލާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އެކަނި ކަމަށެވެ. އަދި، އަނިިޔާ ލިބޭ މީހުންގެ ރައްކާތެރިކަން އެންމެ އިސްކޮށްގެން މަސައްކަތް ކުރިއަށްގެންދަން ތަމްރީނުކޮށްދޭ ވިކްޓިމް ސެންޓްރިކް އެންޑް ޓްރޯމާ އިންފޯމްޑް ޓްރެއިނިން ހަދާފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިއެއް އެކަނި ކަމަށް ޝިރާނީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަމާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމާ މި މަހު އެ އިދާރާގެ ފަރާތުން ބައްދަލުކޮށްފައިވާނެ ކަމަށެވެ. އަދި، މި މަސް ނިމުމުގެ ކުރިން ރޭޕް އެވިޑެންސް ކިޓުތައް ހޯދައި، މި އަހަރު ނިމުމުގެ ކުރިން ވިކްޓިމް ސެންޓްރިކް އެންޑް ޓްރޯމާ އިންފޯމްޑް ޓްރެއިނިންތައް ރާއްޖޭގެ މުޅި ހެލްތު ސެކްޓަރަށް ހިންގާނެ ކަމަށް މިނިސްޓަރު ވިދާޅުވިކަން ޝިރާނީ ފާހަގަކުރެވިއެވެ. އޭނާ ވިދާޅުވީ، ހެލްތު މިނިސްޓްރީއާ ބައްދަލުކުރުމުން، ރޭޕް ކިޓުގައި ހުންނަ ސާމާނުތައް ވަކިން ހުރިހާ ހޮސްޕިޓަލެއްގައި ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނި ކަމަށާއި، ނަމަވެސް ރޭޕް ކިޓުގެ ނަމުގައި ވަކި ކިޓެއް ނެތް ކަމަށް ގިނަ ހޮސްޕިޓަލުތަކުން މައުލޫމާތު ދޭ ކަމަށެވެ. "މީގައި އަޅުގަނޑުމެން ކަންބޮޑުވާ ކަމަކީ ރޭޕް ކިޓުގައި ހުންނަން ޖެހޭ އެއްޗެހި މި ހުންނަނީ ހޮސްޕިޓަލްތަކުގެ އެކި ރޫމްތަކުގައި، އެހެންވީމަ ރޭޕްގެ މައްސަލައިގައި އަންނަ މީހާއަށް، ވަގުތުން ވަގުތަށް ދޭން ޖެހޭ ޚިދުމަތްތަކުގައި އެބަ ގޮންޖެހުންތައް އެބަ ކުރިމަތިވޭ،" ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އެޑްވޮކަސީ އެންޑް ރިސާޗް ޑިޕާޓްމަންޓްގެ ޑިރެކްޓަރު ނަސްރާ އާދިލް ވިދާޅުވިއެވެ. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އިސްވެރިން މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި -- ފޮޓޯ/ މަޖިލިސް ޖިންސީ ކުށުގެ ގާނޫނުގައި އޮންނަ ގޮތުން ޖިންސީ ކުށުގެ ފޮރެންސިކް ތަހުލީލަކީ ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ރުހުމުގައި، އެކަމަށް ޚާއްސަކޮށްފައިވާ ކިޓް ބޭނުންކޮށްގެން ކުރާ ތަހުލީލެކެވެ. އަދި އެ ކިޓު ބޭނުންކޮށްގެން މަދުވެގެން ހަތް ސާމްޕަލެއް ނަގަން ގާނޫނުން ލާޒިމް ކުރެއެވެ. އެއީ: އިސްތަށިގަނޑުންނާއި ކުރިމަތިފަރާތާއި ފުރަގަސްފަރާތުގެ ވަށައިގެންވާ ސަރަހައްދުން ނަގާ އިސްތަށި ލޭ އަދި ކުޑަކަމުދާ ތަކެތި ކުށުގެ ޝިކާރައަކަށް ވީ ފަރާތުގެ އަންނައުނު ނިޔަފައްޗާއި ނިޔަފަތީގެ ދަށުން ނަގާ ސާމްޕަލް ކުރިމަތިފަރާތާއި ފުރަގަސް ފަރާތުން ނަގާ ސާމްޕަލް އަގައިން ނަގާ ސާމްޕަލް ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލް ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތުގެ ގަވައިދު ހެދުން ލާޒިމްކޮށްފައިވަނީ އެފްފީއޭއަށެވެ. އަދި ސިއްހީ ޚިދުމަތްދޭ ތަންތަނުން ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ނަގާ ސާމްޕަލަށް އެއްވެސް އަގެއް ނަގައިގެން ނުވާނެ ކަމަށާއި، ސިއްހީ ޚިދުމަތް ދޭ ތަންތަނުން އެ ކިޓު ލިބޭނޭ އިންތިޒާމު ގާނޫނަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ހަމަޖައްސަން ގާނޫނުގައި ލާޒިމްކުރެއެވެ. ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ލިބިފައި ހުރި ޑޮކްޓަރެއް ނުވަތަ ނަރުހެއް ސަރުކާރުން ހިންގާ ކޮންމެ ސިއްހީ ޚިދުމަތްދޭ މަރުކަޒެއްގައި ހުންނަންޖެހޭނެ ކަމަށާއި، ސާމްޕަލް ނަގަން ވާނީ އެ ތަމްރީނު ލިބިފައިވާ މީހުން ކަމަށްވެސް ގާނޫނުގައި ބުނެފައި ވެއެވެ. ރާއްޖޭގެ މުޖުތަމައުގައި ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ގިނަ ނަމަވެސް، އެފަދަ މައްސަލަތައް ރިޕޯޓުކުރާ މިންވަރު މަދެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު ޖިންސީ ކުށުގެ 293 މައްސަލަ ރިޕޯޓުކުރިއިރު މިދިޔަ އަހަރު އެ އަދަދު ވަނީ 319އަށް އުފުލިފައެވެ. އަދި މިއަހަރުގެ މިހާތަނަށް ޖިންސީ ކުށުގެ 135 މައްސަލަ ހުށަހަޅާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ