އިސްރާއީލުން ބޭނުމީ ހުރިހާ އަސީރުން މިނިވަންކުރާ އެއްބަސްވުމެއް އެކަނި

އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަންކުރަން މިސްރާ ގަތަރު މެދުވެރިވެގެން ހުށަހެޅި ހުށަހެޅުމަށް ހަމާސްއިން އެއްބަސްވުމާ އެކު، ހުރިހާ އަސީރުން މިނިވަންކުރާނެ އެއްބަސްވުމެއް ބޭނުންވާ ކަމަށް އިސްރާއީލުން ބުނެފިއެވެ. އެހެންވެ، މިހާރު ހުށަހަޅާފައިވާ 60 ދުވަހުގެ މުއްދަތުގެ ހުށަހެޅުން އިސްރާއީލުން ބަލައިގަންނާނެ ކަމާމެދު ވަނީ ޝައްކު އުފެދިފައެވެ. ނަމަވެސް، ގަތަރާއި މިސްރުން ހުށަހެޅި އެ ހުށަހެޅުމަކީ އަސީރުންގެ ދެބައިކުޅަ އެއްބައި މީހުން ދޫކޮށްލާނެ ކަމަށް އޮތް ހުށަހެޅުމެއް ކަމަށާއި އެއީ އިސްރާއީލުން ކުރިން ގަބޫލުކުރި އެމެރިކާގެ ހުށަހެޅުމަކާ ގާތްގަނޑަކަށް އެއްގޮތް ހުށަހެޅުމެއް ކަމަށް ގަތަރުން ބުނެއެވެ. އިސްރާއީލުން އެކަމާ މުޅިން ދެކޮޅު ނުހެދި ނަމަވެސް، އިސްރާއީލު ސަރުކާރުގެ ތަރުޖަމާނު ޑޭވިޑް މެންސާއާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕާޝިއަލް ނުވަތަ ފުރިހަމަ ނޫން އެއްބަސްވުމަށް އެ މީހުން ޝައުގުވެރިއެއް ނޫނެވެ. "މިހާރު ކަންކަން ބަދަލުވެއްޖެ. ބޮޑުވަޒީރު ވަނީ ޣައްޒާގެ މުސްތަގުބަލަށް ޕްލޭނެއް އެކުލަވާލާފައި،" މެންސާ ބުންޏެވެ. ފަލަސްތީނުގެ މަސްދަރުތަކުން ބުނީ، އެ ހުށަހެޅުމުގައި ދިރި ތިބި 10 މީހުންނާއި މަރުވެފައިވާ 18 އަސީރުން މިނިވަންކުރަން ނިންމާފައިވާއިރު، ދެ ފަރާތުން މަޝްވަރާކުރާނީ ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށާއި އެހެން ރަހީނުކޮށްފައި ތިބި މީހުން އަނބުރާ ގެންދިއުމަށެވެ. އިސްރާއީލުން ގަބޫލުކުރާ ގޮތުގައި ރަހީނުކުރި 50 މީހުންގެ ތެރެއިން 22 މަސް ދުވަހުގެ ހަނގުރާމައަށް ފަހު، ދިރިތިބި އެންމެ 20 މީހުންނެވެ. މިސްރާއި ގަތަރުން ހަމާސްގެ އޮފިޝަލުންނަށް ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އެއްބަސްވެފައިވާ ކަމަށް ހަމާސްއިން އިއުލާނުކުރީ މިދޔަ ހޯމަ ދުވަހުގެ ރެއެވެ. އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ ޣައްޒާގެ ސަރަހަދެއްގައި އަންހެނަކު. ފޮޓޯ/ރޮއިޓާސް ހަމާސްގެ އޮފިޝަލް ތާހިރު އަލް ނޫނޫ އަލް އަރަބީ ޓީވީއަށް ވިދާޅުވީ, އެ ހުށަހެޅުމަށް އެއްވެސް އިސްލާހެއް ގެންނަން އެދިފައިނުވާ ކަމަށާއި އެއީ ފުރިހަމަ އެއްބަސްވުމަކަށް ވާސިލުވާން ހުށަހެޅި އެއްބަސްވުމެއް ކަމަށެވެ. ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މަޖީދު އަލް އަންސާރީ އަންގާރަ ދުވަހު ދޯހާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، އެ ހުށަހެޅުމަކީ ޖޫން މަހު އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޯފް ހުށަހެޅުއްވި ހުށަހެޅުމާ 98 ޕަސަންޓް އެއްގޮތް ހުށަހެޅުމެއް ކަމަށެވެ. ވިޓްކޯފް ހުށަހެޅުއްވީ 60 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށެވެ. އެ ހުށަހެޅުމުގައި ވާގޮތުން ފުރަތަމަ ދުވަހާ ހަތްވަނަ ދުވަހު ހަމާސްއިން ދިރިތިބި 10 އަސީރުންނާއި މަރުވެފައިވާ 18 އަސީރުންގެ ހަށިގަނޑު މިނިވަންކުރާނެއެވެ. އޭގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި އުމުރު ދުވަހުގެ ހުކުމް ތަންފީޒު ކުރަމުންދާ ފަލަސްތީނުގެ 125 ގައިދީންނާއި ޣައްޒާއިން ބަންދުކޮށްފައިވާ 1،111 މީހުންނާއި ޣައްޒާގެ 180 މީހުންގެ ހަށިގަނޑު އިސްރާއީލުން ދޫކޮށްލާނެއެވެ. ވިޓްކޯފްގެ އެ ހުށަހެޅުމަށް އޭރު އިސްރާއީލުން އެއްބަސްވި ނަމަވެސް ހަމާސްއިން ދެކޮޅު ހެދިއެވެ. ސަބަބަކީ ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމުގެ ޔަގީންކަން އެ ހުށަހެޅުމުގައި ދީފައިނުވާތީއެވެ. މިސްރާއި ގަތަރުގެ ފަހުގެ ހުށަހެޅުމުގެ ދަށުން ފުރަތަމަ ދުވަހު ދިރިތިބި އަށް އަސީރުން ހަމާސްއިން ދޫކޮށްލާނެ ކަމަށާއި 50 ވަނަ ދުވަހު އިތުރު ދެ ރަހީނުން ދޫކޮށްލާނެއެވެ. މަރުވެފައިވާ ފަސް ރަހީނުން ހަތްވަނަ ދުވަހު ހަވާލުކުރާއިރު، 30 ވަނަ ދުވަހު އިތުރު ފަސް މީހުން އަދި 60 ވަނަ ދުވަހު އިތުރު އަށް މީހުން ހަވާލުކުރާނެއެވެ. ބަދަލުގައި އިސްރާއީލުން ޣައްޒާއިން ބަންދުކޮށްފައިވާ 1،500 މީހުންގެ އިތުރުން އުމުރަށް ޖަލަށްލާފައިވާ ފަލަސްތީނުގެ 150 ގައިދީންނާއި 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހުކުމް ތަންފީޒު ކުރަމުންދާ އިތުރު 50 ގައިދީން ދޫކޮށްލާނެ ކަމަށް ފަލަސްތީނުގެ އޮފިޝަލަކާ ހަވާލާދީ ބީބީސީން ބުނެފައިވެއެވެ. ޣައްޒާ ހަނގުރާމައަށް ތިން އަހަރު ވާން މަދު ދުވަސްކޮޅަކަށްވެފައިވާއިރު، ޣައްޒާ ސިޓީ ހިފުމުގެ ޕްލޭނެއް ވެސް އިސްރާއީލުގެ ކެބިނެޓުން މިދިޔަ ހަފުތާގައި ވަނީ ފާސްކޮށްފައެވެ. އެހެންވެ، ހަމަލާތައް ވަރުގަދަކޮށް، ޣައްޒާގެ ދެކުނަށް ގަދަކަމުން މީހުން ފޮނުވުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. ހަނގުރާމައިގައި މިހާތަނަށް 62،064 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ