ރައީސް ޑރ.މުއިއްޒު އަޒުލު ކުރަން ކުރާ މަސައްކަތް ހުއްޓާލަންޖެހޭ: ގާސިމް

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޒުލު ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓާލުމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
ގާސިމް މިހެން ވިދާޅުވީ ރައީސް އަދި ނައިބު ރައީސް ވަކިކުރުމުގެ ގަވާއިދަށް އެމްޑީޕީގެ މެޖޯރިޓީގެ ތާއީދާއިއެކު ގެނައި ބަދަލުތަކާއި ގުޅިގެންނެވެ.
ގާސިމް ވިދާޅުވީ ރައީސް ޑރ މުއިއްޒު ރައީސުލްޖޫމްހޫރިއްޔާކަމުގެ ހުވާ ކުރެއްވި ފަހުން އަދި މާ ގިނަ ދުވަހެއް ނުވާކަމަށާއި ސަރުކާރު އަދި ރަނގަޅަށް ފަށައިނުގަނެވިގެން އުޅޭއިރު ރައީސް މުއިއްޒު އަޒުލުކުރަން ކުރާ މަސައްކަތް ހުއްޓާލަންޖެހޭކަމަށެވެ. 
އެގޮތުން މިނިސްޓްރީތަކުގެ މެންޑޭޓު އޭރު މަޖިލީހަށް ފޮނުވާފައިނުވާކަމާއި، ވަޒީރުންނަށް ރުހުންދީފައި ނުވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރަށް ފުރުސަތު ދޭން ޖެހޭކަމަށް ގާސިމް ގަބޫލު ކުރައްވައެވެ.
ގާސިމް ވިދާޅުވީ "ވަޒީރުންނަށް ރުހުން ދޭން ޖެހޭއިރު ބަލާލާއިރު ގާނޫނުއަސާސީގައި ގާނޫނުގައި ކަނޑައެޅިގެން ބަޔާންވެގެންވޭ މިނިސްޓަރެއްގެ ގައިގައި ހުންނަންޖެހޭ ޝަރުތުތައް. އެ ޝަރުތުތައް ފުރިހަމަވާނަމަ ރައީސުލްޖުމްހޫރިއްޔާގެ އެ ރިކުއެސްޓު ނުވަތަ އެ އެދިވަޑައިގަތުމަށް އަޅުގަނޑުމެން މި މަޖިލީހުގައި ތިއްބެވި ހުރިހާ ބޭފުޅުންވެސް ރުހުން ދެއްވަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ" ކަމަށެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ގާނޫނުއަސާސީގައި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދު ސާފުކޮށް ބަޔާންކޮށްފައިވާއިރު، މަޖިލީހުގެ ގަވާއިދަށް ގެންނަ އިސްލާހަކުން މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑަނޭޅޭނެކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ ބޭނުން ކޮށްގެން އެފަދަ އިސްލާހުތައް ފާސްކުރަނީ ވެރިކަން ގެއްލުމުންކަމަށް ވިދާޅުވެ، ގާސިމް އެކަން ސިފަކުރެއްވީ ލަދުވެތިކަމެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ