މި ސަރުކާރަށް ރައްޔިތުން ތާއީދު ކުރާކަމަށް ބުނެ، 2028 ގެ ރިޔާސީ އިންތިހާބު ނުބޭއްވުމަށް ނިންމުމުގެ ފުރުސަތު ބޮޑުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ ރިޔާސީ ބަޔާން އިއްވަވާފަ އެވެ. ރިޔާސީ ބަޔާނުގައި ރައްޔިތުންނަށް އަނެއްކާވެސް ވައުދުތައްވެ، ކުރީގެ ވާހަކަތައް ތަކުރާރު ކުރީކަމަށް އެމްޑީޕީން ބުނެ އެވެ. ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި މައުރޫފް ވިދާޅުވީ އިއްޔެ އަޑުއިވިގެން ދިޔައީ ރަައީސް މުއިއްޒުގެ ތިންވަނަ ރިޔާސީ ބަޔާންކަމަށާއި، ތިން ގަޑިއިރުގެ އެ ބަޔާނުގައި ވަނ ީ ދޮގާއި އޮޅުވާލުން ކަމަށެވެ.
މައުރޫފް ވިދާޅުވީ މިހާރު ފެންނަމުންދަނީ ހުދުމުހުތާރު ވެރިކަމެއް ކުރުމަށްޓަކައި މުޅި ގައުމުގެ ނިޒާމު ބަދަލުކުރަމުންދާ މަންޒަރެވެ. އަދި ބާރުތައް ޖަމާކުރައްވައި މަސައްކަތް ކުރަނީ، ވެރިކަމުގެ އިތުރު ދައުރެއް ހޯއްދެވުމަށްކަމަށް މައުރޫފް ވިދާޅުވި އެވެ. މައުރޫފް ވިދާޅުވީ ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށްޓަކައި، މުވައްސަސާތަކަށް ނުފޫޒު ފޯރުވައި ބޭނުންވާ ގޮތަށް އެ އިދާރާއެއް ހިންގުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
މިލެވެލްގެ ބާރުވެރިކަމެއްގައި އޭނާ އަމިއްލައަށް ގަބޫލުކުރާ ކަހަލަ ތިމަންނައަކީ ރަސްކަލެކޭ. ހުދުމުހުތާރު ވެރިކަމެއް ކުރުމަށްޓަކައި މުޅި ގައުމުގެ ހުރިހާ އަސާސްތަކެއް، މުއައްސަސާތަކެއް ބަދަލުކުރަމުން އެދަނީ
މައުރޫފް ވިދާޅުވީ، އިންތިހާބުތައް އެއްކޮށްލުމާއި ހަރަދު ކުޑަކުރުމުގެ ނަމުގައި ރިފަރެންޑަމެއްގެ ވާހަކަ ދައްކަނީ ރިޔާސީ ދައުރު ދަންމާލުމުގެ ބޭނުމުގައި ކަމަށެވެ. އަދި މި އިންތިހާބުގައި ސަރުކާރަށް ”ނޫނެކޭ“ ނުބުނެފިނަމަ، ރައްޔިތުންގެ ތާއީދު ސަރުކާރަށް އެބައޮތްކަމަށް 2028 ވަނަ އަހަރާ ހަމައަށް ވޯޓު ފޮއްޓަކާ ހަމައަށް ނުގޮސް ވެރިކަން ދަންމާލުމަށް މަސައްކަތް ކުރުމުގެ ބިރު އެބައޮތްކަމަށް މައުރޫފް ވިދާޅުވި އެވެ.
ސަރުކާރުގެ ބައެއް މަޝްރޫއުތަކަށް ފާޑުކިއުން އަމާޒުކުރައްވައި މައުރޫފް ވިދާޅުވީ ރަސްމާލެ ނުވަތަ ފުށިދިއްގަރު ފަޅު ހިއްކައިގެން ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންނަށް އުޅެވޭވަރުގެ ބޯހިޔާވަހިކަމެއް ގާއިމުކުރުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއް ކަމަށެވެ. އަދި ގައުމުގެ މާލީ ހާލަތު އޮތް ގޮތުން 700 މިލިއަން ޑޮލަރުގެ ވެނިޓީ ޕްރޮޖެކްޓްތަކަށް ބޮޑެތި ލޯނުތައް ނަގައިގެން ހަރަދު ކުރަނީ ކޮން ސަބަބަކާއި ހުރެތޯ ރައްޔިތުން ވިސްނަންޖެހޭކަމަށް ވިދާޅުވިއެވެ.
އިންތިހާބަށް ވޯޓު ހޯދުމުގެ ބޭނުމުގައި ސަރުކާރުން ކިތަންމެ ގިނަ ވަގުތީ ވަޒީފާއެއް ހޯދައިދީ، ފައިސާ ބެހިނަމަވެސް ޕީއެންސީގެ އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުދިނުމަށް މައުރޫފް ގޮވާލެއްވި އެވެ.
މައުރޫފް ވިދާޅުވި ގޮތުގައި، ޕީއެންސީއަށް ތާއީދުކުރާ މީހުންވެސް ގައުމުގެ މުސްތަގުބަލަށްޓަކައި މިފަހަރު އެމްޑީޕީގެ ކައުންސިލަރުން އިންތިހާބު ކުރަންޖެހެއެވެ. އެއީ ރައީސް މުއިއްޒު ހައްދަވާ އިތުރުފުޅުތަކާއި، ރައްޔިތުންގެ އިތުބާރު ނެތްކަން ހާމަކުރުމަށް އޮތް ފުރުސަތެއްކަމަށް މައުރޫފް ވިދާޅުވިއެވެ.
ސަރުކާރަށް ތާއީދުއޮތްކަމަށް ބުނެ، ރިޔާސީ އިންތިހާބު 2028 ގައި ނުބޭއްވުމުގެ ފުރުސަތު ބޮޑު: މައުރޫފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ