ޢީދު ފާހަގަކުރަން ވިލިމާލޭގައި ބޭއްވި ކުޑަކުދިންގެ ހަރަކާތްތައް ނިންމާލައިފި

އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ވިލިމާލޭގައި ކުރިއަށްގެންދިޔަ ޢާާއިލީ ހަވީރު ނިންމާލައިފިއެވެ. ޢީދު ދުވަހާއި، ޢީދާ ގުޅިގެން ބަންދުވި 3 ދުވަހުވެސް ވިލިމާލޭގައި މި ހަރަކާތް ކުރިއަށްގެންގޮސްފައިވެއެވެ.
ސަލާމަތީ ބާރުތަކާއި ސަރުކާރު ކުންފުނިތައް ގުޅިގެން ވިލިމާލޭގައި ކުރިއަށްގެންދިޔަ ކުޑަކުދިންގެ މިހަވީރަށްވެސްވަނީ އާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިފައެވެ.
އެގޮތުން ހަވީރު ކުރިއަށްގެންދިޔަ 4 ދުވަހުވެސް، ކުޅިވަރުތައް ބަލާލުމަށާއި، ކުޅިވަރުތަކުގައި ބައިވެރިވުމަށް ގިނަ ބަޔަކު ވަނީ ކުޑަކުދިންގެ ހަވީރަށް ގޮސްފައެވެ.
ޢީދާ ދިމާކޮށް މާލެއިން ބޭރަށް ދިޔުމުގެ ފުރުސަތު ނުލިބޭ ކުދިންނާއި، އެކި ސަބަބުތަކަށްޓަކައި މާލެއަށް އަންނަންޖެހުނު ކުދިންނަށް އުފާވެރި ޢީދެއް ހޯދައިދިނުމަށް ކުރިއަށްގެންދިޔަ ޢާއިލީ ހަވީރު މާލެ، ވިލިމާލެ އަދި ހުޅުމާލެ ދެ ފިޔަވަހީގައިވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
ވިލިމާލޭގައި ކުރިއަށްގެންދިޔަ ހަވީރުވެސް އިންތިޒާމްކޮށްފައިވަނީ ކުޑަކުދިންނަށް ޚާއްސަ އެ ކުދިންނަށް ޝައުޤުވެރިވާނެހެން ތަފާތު ގިނަ ހަރަކާތްތަކާއެކީގައެވެ.
މި ހަވީރުގެ ތެރެއިން ގިނަ ކުދިން ޝަޤުޤުވެރިވާނެ ކާޓޫނު ކެރެކްޓާސްތަކާއެކީ ފޮޓޯ ނެގުމުގެ ފުރުސަތު ފަހިކޮށްދީ، މިއުޒިކަލް ޗެއަރ، އަދި އެމްއެންޑީއެފްގެ ބޭންޑުގެ ހަރަކާތްތަކުގެ އިތުރުންވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ.
ޕީއެސްއެމްއާއި ވާހަކަދެއްކި ކުދިންވަނީ ޢީދާ ދިމާކޮށް، ކުރިއަށްގެންދިޔަ ހަވީރުތަކާއި ގުޅިގެން އެކުދިންގެ ޝުޢުރު ހިއްސާކޮށްފައެވެ.
" ވަރަށް ބޮޑަށް ޝައުޤުވެރިވޭ މިތަނުގެ ހުރި ކުޅިވަރުތައް، އެންމެ ބޮޑަށް އުފާވަނީ ހަދިޔާ ލިބޭތީ." ކުއްޖަކު ބުންޏެވެ.
" މަންމައާއި ބައްޕައާއި ކޮއްކޮއާ އެކީ ވަރަށް ބޮޑަށް މަޖާ މިތަން. ބައިވަރު ކުޅިވަރުތައްވެސް އެބަހުރި." އެހެން ކުއްޖަކު ބުންޏެވެ.
އަޟްހާ ޢީދަކީ، މުޅި ރާއްޖޭގައިވެސް ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ޢީދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ