ރައީސް މައުމޫން ޑރ. މަހަތިރު މުހައްމަދާ ބައްދަލުކުރައްވައިފި

ރާއްޖޭގެ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު، ޑރ. މަހާތީރު މުޙައްމަދުގެ 100 އަހަރު ފުރުމުގެ ޚާއްޞަ މުނާސަބަތާ ގުޅިގެން މަރުޙަބާ ދެންނެވުމަށް ޕުތުރަޖާޔާގައި އެ މަނިކުފާނާ ބައްދަލުކުރައްވައިފިއެވެ.
ޕަރްދާނާ ލީޑަރޝިޕް ފައުންޑޭޝަންގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސް މައުމޫންގެ ދަރިކަލުން އަޙްމަދު ފާރިސް މައުމޫނާއި ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި، ޑރ. މަހާތީރަށް ހަނދާނެއްގެ ގޮތުގައި މާލޭ ހުކުރު މިސްކިތުގެ މިނާރާއި އެ މިސްކިތުގެ ޝިކާރުގެ މޮޑެލްއެއް ހަދިޔާކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ލީޑަރުންވެސް ދިވެހިރާއްޖެއާއި މެލޭޝިއާގެ ގުޅުމާ ބެހޭ ގޮތުންނާއި، ލީޑަރޝިޕްގެ ތަޖުރިބާތަކާ މެދު މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި ސުލްހަ މަސަލަސްކަމަށް އެދިވަޑައިގަތްއިރު، ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ އަނިޔާވެރިކަމާ މެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ރައީސް މައުމޫން ވަނީ ޑރ. މަހާތީރުގެ ދުޅަހެޔޮ ސިއްހަތަށް އެދި ދުޢާކުރައްވާފައެވެ. އަދި ދިވެހިރާއްޖެއަށް އެ މަނިކުފާނު ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރުވެރިކަން އަދާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ