ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުންގެ ހިދުމަތް އަދި ސަރުކާރު ހިއްސާވާ އެކި ކުންފުނިތައް ގުޅިގެން އިންތިޒާމުކުރި ”ޢީދު ހަވީރު 1446“ ގައި ބައިވެރިވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އީދު ހަވީރު އިންތިޒާމު ކުރުމުގައި، ބައިވެރިވި ހުރިހާ ފަރާތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
އީދު ދުވަހުގެ ހަވީރު، ޢާންމުންނަށް ހުޅުވާލައިގެން، ސަލްޓަންޕާކާއި، ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ސަރަޙައްދަށް ގިނަ އަދަދެއްގެ އާންމުން އާއިލާތަކާއި އެކު އެއްވި އެވެ. އަދި މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރެއްވި އެވެ.
ރައީސް މުއިއްޒާއި، އެމަނިކުފާނުގެ އާއިލާއިން ވަނީ އެކި ކުންފުނިތަކުން އިސްނަގައިގެން ތައްޔާރުކޮށްފައިވާ ސްޓޯލްތައް ވެސް ބައްލަވާލައްވާފަ އެވެ.
ރައީސް މުއިއްޒު ވަނީ އިއްޒުއްދީން ފާލަމުގެ ކުރިމަތީގައި، އީދު ހަވީރަށް ތައްޔާރުކޮށްފައިވާ ހާއްސަ ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި، އެ ހަވީރަށް ޒިޔާރަތްކުރި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއެކު ބައިވެރިވެވަޑައިގެންފަ އެވެ.
ސަރުކާރުގެ އިސްނެގުމާއެކު މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އަހަންމިއްޔަތެއް ދެއްވާ ކަމެކެވެ. އަދި އީދު ފަދަ އިސްލާމީ މުނާސަބަތުތައް އިޙުތިފާލުކުރުމުގެ ސަބަބުން ޚާއްޞަކޮށް، ކުޑަކުދިން އިސްލާމް ދީނަށް ލޯބިކުރުމަށް ބާރުއެޅި، ދީނަށް ލޯބިޖެހި، ދީނުގެ ކަންކަން އުނގެނުމަށްވެސް ބާރުއެޅިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.
”ޢީދު ހަވީރު 1446“ ގައި ބައިވެރިވި ފަރާތްތަކަށް ރައީސްގެ ހާއްސަ ޝުކުރެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ