މިއުނިކް (މެއި 21) - މި ސީޒަނުގައި ޖަރުމަނު ލީގުގެ. މޮޅު ކުޅުންތެރިއާގެ. މަގާމު ހޯދި ފްރާންސްގެ ތަރި، މައިކަލް އޮލީސޭ އަކީ އެއްވެސް އަގެއްގައި ވިއްކާނެ ކުޅުންތެރިއެއް ނޫން ކަމަށް ބަޔާނުގެ ރައީސް ހާބަޓް ހައިނާ ވިދާޅުވެއްޖެ އެވެ.
އުމުރުން 24 އަހަރުގެ އޮލީސޭ ވަނީ މި ފަހަރުގެ ޖަރުމަނު ލީގުގައި ކުޅުނު 32 މެޗުން 36 ލަނޑު ޖެހުމުގައި ބައިވެރިވެފަ އެވެ. އަދި، މުލި ސީޒަނަށް ބަލާއިރު އޮލީސޭ ވަނި ހުރިހާ މުބާރާތެއްގައި ޖުމްލަ އެކު، 20 ގޯލު ޖަހައި 30 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ކްރިސްޓަލް ޕެލަސް އަށް ކުރިން ކުޅުނު އޮލީސޭ އަށް ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ލިބެމުން އަންނައިރު، ލިވަޕޫލުން އޭނާގެ ސޮއި ހޯދަން 100 މިލިއަން ޑޮލަރަށް ވުރެން މަތީ ބިޑެއް ހުށަހަޅަން ވެސް އޮތީ ތައްޔާރަށެވެ. އެކަމަކު، 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބަޔާނާ އެކު ކޮންޓްރެކްޓްގައި ހުރި އޮލީސޭ އެ ކްލަބްގައި މަޑުކުރުވަން، ބަޔާނުން އޮތީ ވަރަށް ރަނގަޅަށް ތައްޔާރަށެވެ.
ބަޔާންގެ ރައީސް ހައިނާ ވިދާޅުވީ، ކްލަބްގެ ބޯޑުގެ ވިސްނުމަކީ އޮލީސޭ މަޑުކުރަން ކުރަންޖެހުނު ކޮންމެ ކަމެއް ވެސް ކުރުން ކަމަށެވެ.
"އޭނަގެ ކޮންޓްރެކްޓެއް އެބައޮތް 2029އާ ހަމައަށް. އަހަރެމެން މި ތިބީ ކޮންމެ ކަމެއް ކޮށްގެން ވެސް އޭނާ މަޑުކުރުވަން ނިންމައިގެން. އެއީ، ވިއްކާ ކުޅުންތެރިއެއް ނޫން،" ހައިނާ ވިދާޅުވި އެވެ.
"މި ކްލަބްގައި ހުރެގެން އޭނާ އަށް ކޮންމެ ސީޒަނެއްގައި ވެސް ތަށި ހޯދުމުގެ ފުރުސަތު އޮންނާނެ. އެހެންވެ، އަަހަންނަށް ވިސްނެނީ، އޭނަ (އޮލީސޭ) އެހެން ކްލަބަކަށް ދިއުމަށް ވިސްނަން ޖެހޭ ސަބަބެއް ވެސް ނެތް ހެން،"
ޔޫތު ކެރިއަރުގައި އާސެނަލާއި މެންޗެސްޓާ ސިޓީ އަދި ޗެލްސީ އަށް ވެސް ކުޅުނު އޮލީސޭ، ސީނިއާ ކެރިއަރު ފެށީ 2019 ވަނަ އަހަރު ރެޑިން އިންނެވެ. އޭނާ، ކްރިސްޓަލް ޕެލަސް އަށް ބަދަލުވީ 2021 ވަނަ އަހަރު 10 މިލިއަން ޑޮލަރަށެެވެ. އަދި، 2024 ވަނަ އަހަރު ބަަޔާނުން އޮލީސޭ ގަންނަން ކްރިސްޓަލް ޕެލަސް އަށް ދޭން ނިންމި ޖުމްލަ ޕެކޭޖްގެ އަގު، 70 މިލިއަން ޑޮލަަރަށް އަރަ އެވެ.
އޮލީސޭ އަކީ އެއްވެސް އަގަކަށް ވިއްކާނެ ކުޅުންތެރިއެއް ނޫން ކަމަށް ބަޔާނުން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ